ޚަބަރު

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވި އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 14 ވަނަދުވަހަށް ހަމަވާތީކަމަށެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލުކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޙާބުވި 6 މެމްބަރެކެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 23 ވަނަ ދުވަސްކަމަށެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް އިންތިޙާބު އޮންނާނެ ދުވަހެއް ހޯމް މިނިސްޓްރީން ހާމައެއް ނުކުރެއެވެ. މީޑިއާ ކައުންސިލަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަންތަނެއްކަން ކަށަވަރުކުރުމަށް މަސައްކަތްކުރާއިރު، އެ ކައުންސިލަށް މެމްބަރުން އައްޔަންކުރުމަށް ލާވޯޓުގައި ބައިވެރިވެވޭ ގޮތާއި މެދު މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިކަން ހައްލުކުރުމަށް ގެނައި އިސްލާހުގައިވާގޮތުން މީޑިއާ ކައުންސިލުގެ އިންތިޚާބަށް އިޢުލާންކުރާ ތާރީޚުގެ ކުރިއަށް މަދުވެގެން އެއް އަހަރުގެ މުއްދަތަށް ހަމަޖެހިފައިވާ އުޞޫލުން ނެރެމުންނުދާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް އެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. މި އިންތިޚާބަށް އިޢުލާން ކުރާ ތާރީޚާއި އެ ތާރީޚުގެ ކުރިއަށް 6 މަސްދުވަހާއި ދެމެދުގެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް ވެސް އެ ފުރުސަތެއް ނޯވެއެވެ.

މީގެ އިތުރަށް އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕީއެސްއެމްގެ މީޑިއާތައް ފިޔަވައި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުވައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން ހިމެނެއެވެ.

އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތް ހިމެނޭ ވަގުތީ ލިސްޓު އިންތިޚާބު ބާއްވާ ދުވަހުގެ މަދުވެގެން 18 ދުވަސް ކުރިން އިޢުލާންކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ. މީގެ އިތުރަށް ހުށަހަޅާ ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓެއް އިޢުލާން ކުރަންވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އިންތިޚާބެއްގައި ވޯޓުދީގެންނެވެ. އެގޮތުން ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ..