ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ އިގްތިސާދު ހަލުއިވާނެ މިންވަރު އައިއެމްއެފްއިން އަނެއްކާވެސް ދަށްކޮށްފި


ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުން ސަބަބުންނާއި، ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލި އިންފްލޭޝަން މަތިވެ އިންޓަރެސްޓް ރޭޓުވެސް ވަރަށް ބޮޑަށް މައްޗަށް ދިއުމުގެ ސަބަބުން އަންނަ އަހަރަށް ލަފާކުރާ ދުނިޔޭގެ އިގްތިސާދީ ދުވެލި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން އަނެއްކާވެސް ދަށްކޮށްފިއެވެ.

އިންޓަރެސްޓް ރޭޓު މަތިވަމުންދާތީ އެމެރިކާގެ އިގްތިސާދީ ދުވެލި މަޑުވެ، ދުނިޔޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ އަންނަ އަހަރު %2.7 އަށް ދަށްވާނެކަމަށް އައިއެމްފެގެ އައުޓްލުކްގައި ވަނީ ލަފާކޮށްފައެވެ. މިއަހަރުގެ ޖީޑީޕީ %2.9 އަށް އިތުރުވާނެކަމަށް ޖުލައިމަހު ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރުގެ ދުނިޔޭގެ އިގްތިސާދީ ދުވެލި ދަށްވާނެކަމަށް ލަފާކޮށްފައިވާއިރު، މިއަހަރުގެ އިގްތިސާދީ ދުވެލި ހަލުއިވާނެ މިންވަރަށް އައިއެމްއެފްއިން ބަދަލުގެނެސްފައެއް ނުވެއެވެ. މިއަހަރުގެ އިގްތިސާދީ ދުވެލި 3.2% އަށް ހަލުއިވާނެ ކަމަށް އައިއެމްއެފްއިން މީގެކުރިން ވަނީ ލަފާކޮށްފައެވެ.

އައިއެމްއެފްގެ ވޯލްޑް އިންކޮނޮމިކް އައުޓްލުކްގެ އެންމެ ފަހުގެ ލަފާކުރުންތައް ދައްކާ ގޮތުގައި އަންނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި ދަށްވުން އެކަށީގެންވާ ކަމަށް އައިއެމްއެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މިއާއިއެކު އައިއެމްއެފް އާއި ވޯލްޑް ބޭންކާއިއެކު ބާއްވާ ފުރަތަމަ ބައްދަލުވުމުގެ ފެށުން މާ ރަނގަޅު ނޫން ކަމުގައި އެ ބަޔާނުގައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު 3 އިގްތިސާދު ކަމަށްވާ އެމެރިކާ، ޗައިނާ އަދި ޔޫރޯ ޒޯންގެ އިގްތިސާދީ ދުވެލިވެސް ހުއްޓި، އެންމެ ގޯސް ހާލަތް އަދި ކުރިއަށްއޮތްއިރު، އަންނަ އަހަރަކީ ރިސެޝަނެއްގެ ހާލަތު އައިސްފައިއޮތް އަހަރެއްގެ ގޮތުގައި އިހްސާސް ކުރެވޭނެކަމަށް އައިއެމްއެފްގެ އިސް އިގްތިސާދީ މާހިރު ޕިއާ އޮލިވިއާ ގޯނަސް ގެ ބަޔާނެއްގައި ވިދާޅުވިއެވެ.

ހަކަތައިގެ އަގު އުފުލުމުން ޔޫރަޕްގެ އިގްތިސާދަށް އަސަރުކޮށްފައިވާއިރު، ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއިހެދި ޗައިނާގެ އިގްތިސާދަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

އެމެރިކާގެ މިއަހަރުގެ އިގްތިސާދު %1.6 އަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވާއިރު މިއީ ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ %0.7 ޕޮއިންޓް ދަށް އަދަދެކެވެ. ނަމަވެސް އެމެރިކާގެ އިގްތިސާދީ ދުވެލި އަންނަ އަހަރު ހަލުއި ވާނީ ކުރިންވެސް ލަފާކޮށްފައިވާ މިންވަރު ކަމަށްވާ %1 އަށްކަމަށް އައިއެމްއެފްއިން ބުނެއެވެ.

ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން އުފެއްދުންތެރިކަން ދަށްވެ ޔޫރޯ ޒޯންގެ އިގްތިސާދީ ދުވެލި އަންނަ އަހަރު ހަލުއި ވާނީ އެންމެ %0.05 އަށް ކަމަށް އައިއެމްއެފްއިން ލަފާކުރެއެވެ. އެ ޒޯންގެ މައިގަނޑު އިގްތިސާދުތައް ކަމަށްވާ ޖަރުމަނުވިލާތާއި އިޓަލީގެ އިގްތިސާދު ޓެކްނިކަލް ރިސެޝަނަކަށް ދާނެކަމަށްވެސް އައިއެމްއެފް އިން ލަފާކުރެއެވެ.

އިނގިރޭސިވިލާތުގައި ޓެކްސް ކުޑަކުރުމަށް ހުށަހެޅުމުން އެކަމަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އިނގިރޭސިވިލާތުގެ މާލީ ސިޔާސަތުތައް މަރުކަޒީ ބޭންކުގެ އިންފްލޭޝަން ލަނޑުދަނޑިތަކާއި އެއްގޮތްވާނެ ޖެހޭނެ ކަމަށްވެސް އައިއެމްއެފްގެ ބަޔާނުގައި ޕިއާ ވިދާޅުވިއެވެ.