ކުޅިވަރު

ހީޓުގެ އެއްވަނަ ހޯދައިގެން ސާއިދު 200މީޓަރު ދުވުމުގެ ފައިނަލަށް


200މީޓަރު ދުވުމުގެ ފައިނަލުން
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ.



12ވަނަ ސައުތު އޭޝިއަން ގޭމްސްގައި މީގެ ކުޑައިރުކޮޅެއް ކުރިން ދުވެ ސާއިދު
ހީޓް ނިންމީ އެއްވަނައިގައެވެ. ސާއިދު 21.32ސިކުންތުން ހީޓް ނިންމިއިރު ދެވަނައަށް
ދިޔަ ޕާކިސްތާންގެ ލިޔާޤަތު އަލީ ހީޓު ނިންމީ 21.55ސިކުންތުންނެވެ.



200މީޓަރު ދުވުމުގައި ބައިވެރިވި ރާއްޖޭގެ އިބްރާހިމް އަޝްވާން އަލީ ހީޓު
ނިންމީ ފަސްވަނައަށެވެ. އަޝްވާން ހީޓު ނިންމީ 23.15 ސިކުންތުންނެވެ.



ފައިނަލްގައި ސާއިދު މިއަދު ދުވާނީ ރާއްޖެ ގަޑިން އިރުއޮއްސި 18:40ގައެވެ. ސާއިދި ވަނީ މިފަހަރުގެ ގޭމްސްގެ 100މީޓަރު ދުވުމުގެ ރިހިމެޑަލްވެސް
ހޯދާފައެވެ.



ސާއިދު ބުނީ މިފަހަރު އެންމެ އުއްމީދު ކުރަނީ 200މީޓަރުގެ ރަންމެޑަލް
ހޯދަންކަމަށެވެ.

200މީޓަރު ދުވުމުގައި ބައިވެރިވި ރާއްޖޭގެ 2 އަންހެން އެތުލީޓުންގެ ތެރެއިން މިރުފަތު އަހުމަދު ހީޓު ނިންމާލީ 27.60 ސިކުންތުން ހީޓުގެ ހަތްވަނައިގައެެވެ. ނަޒްރާ ނަޢީމް ހީޓު ނިންމީ 4ވަނައިގައި 27.71ސިކުންތުންނެވެ.