ޚަބަރު

ޕްރައިވެޓައިޒޭޝަން ބޯޑުގެ ނާއިބު ރައީސަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް


ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ނާއިބު ރައީސްއަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ހއ.އިހަވަންދޫ/އާޒާދީބަހާރުގެ މުޙައްމަދު ފިރާޟްއެވެ.

އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާ ކުރުމަށްޓަކައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވާފައެވެ.

ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއިއެކު ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ 7 މެމްބަރުންގެ މައްޗަށެވެ. ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ ދައުރަކީ 4 އަހަރެވެ.