ޚަބަރު

ފޮސްޓަރކުރުމުގެ ގަވާއިދުގެ ދަށުން 9 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ޙަވާލުކޮށްފި


ފޮސްޓަރ ކުރުމުގެ ގަވާއިދުގެ ދަށުން މިއަހަރުގެ މިހާތަނަށް 9 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ހެދިބޮޑުވުމުގައި ޢާއިލާގެ ލޯތްބާއި މުޖުތަމަޢުގެ ބައިވެރިވުން ހިމެނޭހެން ބޮޑެތިވުމުގެ މަގުފަހިކުރުމަށްޓަކައި ކުދިން ފޮސްޓަރ ކުރެވޭނެ ގަވާއިދެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. މިގޮތުން މިވީ 3 އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ފާހަގަކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީއިން ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން، 2020 ވަނަ އަހަރު 1 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާއިރު، 2021 ވަނަ އަހަރު 3 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް 9 ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކޮށްފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ޤާނޫނީ ބެލެނިވެރިކަން ބަދަލުކުރުން ނުވަތަ ފޮސްޓަރ ކުރުމުގައި ކުރިން ހުރި ހުރަސްތައް ނައްތާލާ، ކުދިންނަށް ރައްކާތެރި މާޙައުލެއް ހޯދައިދީ، ކުދިން ފޮސްޓަރ ކުރުމަށް އެދޭ ޢާއިލާތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ޖެންޑަރ މިނިސްޓްރީން އަންނަނީ ގާތުން މަސައްކަތް ކުރަމުންނެވެ. އެމިނިސްޓްރީން ވިދާޅުވީ ފޮސްޓަރކުރުމުގައި ގިނަ ޢާއިލާތަކުން އެދެނީ ވީހާވެސް ތުއްތު ކުދިން ފޮސްޓަރކުރުމަށްކަމަށެވެ. އެހެންކަމުން 3 އަހަރުން މަތީގެ ކުދިން ފޮސްޓަރކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ފޮސްޓަރކުރުމުގެ ގަވާއިދު 2020 ވަނަ އަހަރު ތަންފީޒުކުރަން ފެށުމުގެ ކުރިން "ދަރުމައަށް ކުދިން ބެލެހެއްޓުމަށް ޙަވާލުކުރުމުގެ އުސޫލު"ގެ ދަށުން ކުދިން ފޮސްޓަރކޮށް ބަލަހައްޓަމުން ދިޔަނަމަވެސް އޭރު ފޮސްޓަރކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. މިގަވާއިދާއެކު އައި އެންމެ ބޮޑު ބަދަލަކީ ކުއްޖާ ހަވާލުކުރުމުގެ ކުރިއަށް ޤާނޫނީ ބެލެނިވެރިކަން ހޯދާ ދިނުމަށް ގެނެވުނު ބަދަލެވެ. މިގޮތުން ފޮސްޓަރ ކުރުމަށް ހުށަހެޅޭ ހިސާބުން ފެށިގެން ކުއްޖާ ހަވާލުކުރެވި ކުއްޖާ އަދި ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ޖެންޑަރ މިނިސްޓްރީއިން ފޯރުކޮށްދެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ފޮސްޓަރިންގެ ގަވާއިދަށް އިތުރު ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ވަގުތީ ފޮސްޓަރިން ހޯމްސް ހެދުމަށްފަހު ވަކިތަނެއްގައި ކުދިން މަރުކަޒު ނުކޮށް މުޖުތަމަޢުތެރޭ ކަނޑައެޅޭ ޚާއްސަ ގެތަކުގައި ކުދިން ބެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޖެންޑަރއިން ވިދާޅުވެއެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން މަރުކަޒުކޮށްގެން ބެލެހެއްޓުމަށް މީގެކުރިން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް މިފަދަ ކުދިންނަކީވެސް ޢާއިލާއާއި މުޖުތަމަޢުގެ އަޅާލުން ލިބިގެން ބޮޑެތިވާ ކުދިންނަށް ހެދުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ.