ޚަބަރު

ޤަވާއިދުން ނުނެރޭ ނޫސްތަކަށް މީޑިއާ ކައުންސިލުގެ އިންތިޚާބުގައި ބައިވެރިނުވެވޭނެ


ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިޚާބުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ އުޞޫލު އިސްލާހުކޮށްފިއެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އައްޔަންކުރަނީ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށްފަހު އޮންލައިން މީޑިއާތަކުގެ ވޯޓުންނެވެ. މިގޮތަށް ފުރުޞަތު ހުޅުވާލާއިރު ޤަވާއިދު ކުރިން އޮންނަ ގޮތުންނަމަ މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ އޮންލައިން މީޑިއާއަކަށްވެސް ލިބެއެވެ. ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދު 200 އަށް ވުރެ ގިނައެވެ.

މީޑިއާ ކައުންސިލަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަންތަނެއްކަން ކަށަވަރުކުރުމަށް މަސައްކަތްކުރާއިރު، އެ ކައުންސިލަށް މެމްބަރުން އައްޔަންކުރުމަށް ލާ ވޯޓުގައި ބައިވެރިވެވޭ ގޮތާއި މެދު މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިކަން ހައްލުކުރުމަށް ގެނައި އިސްލާހުގައިވާގޮތުން މީޑިއާ ކައުންސިލުގެ އިންތިޚާބަށް އިޢުލާންކުރާ ތާރީޚުގެ ކުރިއަށް މަދުވެގެން އެއް އަހަރުގެ މުއްދަތަށް ހަމަޖެހިފައިވާ އުޞޫލުން ނެރެމުންނުދާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް އެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. މި އިންތިޚާބަށް އިޢުލާން ކުރާ ތާރީޚާއި އެ ތާރީޚުގެ ކުރިއަށް 6 މަސްދުވަހާއި ދެމެދުގެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް ވެސް އެ ފުރުސަތެއް ނޯވެއެވެ.

މީގެ އިތުރަށް އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕީއެސްއެމްގެ މީޑިއާތައް ފިޔަވައި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުވައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން ހިމެނެއެވެ.

އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތް ހިމެނޭ ވަގުތީ ލިސްޓު އިންތިޚާބު ބާއްވާ ދުވަހުގެ މަދުވެގެން 18 ދުވަސް ކުރިން އިޢުލާންކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް އެ އިސްލާހުގައިވެއެވެ. މީގެ އިތުރަށް ހުށަހަޅާ ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓެއް އިޢުލާން ކުރަންވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަކީ ރާއްޖޭގައި ހިންގާ އޮންލައިން މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބާރު ޤާނޫނީގޮތުން ލިބިދީފައިވާ ކައުންސިލެކެވެ. މި ކައުންސިލުގައި ޖުމްލަ 8 މެމްބަރުން ތިބޭއިރު މެމްބަރުންގެ ދައުރު ހަމަވާނީ ކޮންމެ 2 އަހަރަކުންނެވެ. އެންމެ ފަހުން އެ ކައުންސިލަށް މެމްބަރުން އައްޔަންކުރީ 2020 ވަނަ އަހަރުއެވެ. އެ ކައުންސިލްގެ މި ދައުރު ހަމަވާނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ.