މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އެދި ވައިޓް އެލާޓެއްވެސް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 6:30 އިން ފެށިގެން މިރޭ 12:00އާ ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
Alert white for strong winds of 19 – 24 mph and gust of 45 mph with rough seas. pic.twitter.com/mrBvuLmfMa
— Maldives Meteorology (@MetMaldives) October 11, 2022
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެޓް އޮފީހުން ވިދާޅުވީ، މިއަދާއި މިރޭ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ބޮޑަށް ގޯސްވިނަމަވެސް، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިޙާ ހިސާބަކަށްވެސް އާއްމުގޮތެއްގައި މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ހާމަކުރައްވާފައިވެއެވެ.
ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 6 ފޫޓު ހުންނާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށްވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.