ތަޢުލީމު

ފުވައްމުލަކުގެ ސްކޫލްތަކަށް މިނިސްޓަރ ޒިޔާރަތްކުރައްވައިފި


ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ހާމަކުރައްވާ، ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރެއްވުމާބެހޭ ގޮތުން ފުވައްމުލަކު ސްކޫލްތަކުގެ އިސްވެރިންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.ފުވައްމުލަކު ސްކޫލްތަކުގެ ޙާލަތު ބައްލަވާލެއްވުމަށް މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑރ. ޢާއިޝަތު ޝިހާމް މިއަދުވަނީ މުޙައްމަދު ޖަމާލުއްދީން މަދަރުސާއާއި ހާފިޒު އަޙުމަދު ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ. ސްކޫލްތަކުގެ އިސްވެރިންނާއިއެކުޑރ. އާއިޝަތު ޝިހާމް ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކަމަނާވަނީ ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން، ތަޢުލީމީ ދާއިރާގެ ފެންވަރު ރަނގަޅުކުރުމާއި، ސްކޫލްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިމެދު މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރައްވާފައިވެއެވެ. މި ދަތުރުފުޅުގައި ޑރ. ޢާއިޝަތު ޝިހާމް މިއަދު މެންދުރު ފުވައްމުލަކު ސްކޫލަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި، މާދަމާ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެއެވެ. އެޑިއުކޭޝަން މިނިސްޓަރގެ މި ދަތުރުފުޅުގައި ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.