ޚަބަރު

ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރެވޭނެ މުއްދަތު ކުރުކުރަން ހުށަހެޅުއްވި ބިލު ބަލައިގެންފި


ރާއްޖޭގައި ކޮލެޖުގެގޮތުގައި މެދު ކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތަޢުލީމުދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭގޮތަށް ޤާނޫނަށް ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.

ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނަށް އިސްލާހު ގެނައުމުގެބިލަށް މިއިސްލާހު ހުށަހަޅުއްވީ މިނިވަން މެމްބަރެއްގެ ގޮތުގައި ތުލުސްދޫ ދާއިރާ ތަމްސީލް ކުރައްވާ އިބްރާހީމް ނަސީމެވެ. މިބިލު މަޖިލީހުން ބަލައިގަތުމާމެދު މިއަދު ނެގި ވޯޓުގައި ބިލު މަޖިލީހަށް ބަލައިގަތުމަށް 39 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޤާނޫނުގައި މިހާރު އޮތްގޮތުން ޔުނިވާސިޓީގެ ގޮތުގައި ރެޖިސްތްރީ ކުރެވޭނީ ކޮލެޖުގެ ގޮތުގައި ހިންގަމުން އަންނަތާ 20 އަހަރުވެފައިވާ ނުވަތަ ރާއްޖެއިން ބޭރުގައި ހިންގަމުން ދާތާ 10 އަހަރު ވެފައިވާ ޔުނިވާސިޓީތަކަށެވެ. ނަމަވެސް ނަސީމްގެ އިސްލާހުގައި ވަނީ މިޢަދަދު 15 އަހަރަށް ލުއިކުރުމަށް ހުށަހަޅުއްވާފައެވެ.

މިއިސްލާހުގައި 5 ދާއިރާއެއްގެ ތެރެއިން މަދުވެގެން 3 ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ޕްރޮގުރާމުތައް އެކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސިޓީ އަކުން ހިންގަން ޖެހޭނެކަމަށް ވެއެވެ. މިއިސްލާހުގައި ހިމަނާފައިވާ ދާއިރާތަކަކީ އާޓްސް އެންޑް ހިއުމިނިޓީ، އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ، ލައިފް ސައިންސް އެންޑް މެޑިސިން، ނެޗުރަލް ސައިންސް، އަދި ސޯޝަލް ސައިންސްއެވެ.

މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހެއެވެ.

މީގެ އިތުރުން މިއިސްލާހުގައި ވަނީ ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި ޖަމާޢަތްތަކާއެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖެކަށް ވާންޖެހޭކަމަށެވެ. އަދި އެކޮލެޖެއްގެ ޕްރޮގުރާމު ތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން %10 މުވައްޒަފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލް ކޮށްފައިވާ ބަޔަކަށް ވާންޖެހެއެވެ.