ޚަބަރު

45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށް ދެކުނަށް ރީނދޫ ސަމާލު!


ރާއްޖޭގެ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަވެ، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 12:30އިން ފެށިން ހަވީރު 16:30އާ ހަމައަށް ދެކުނުގެ ސަރަޙައްދުތަކަށް ރީނދޫ ސަމާލު ނެރެފައެވެ. މިވަގުތުތަކުގައި މިސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ކުރިއަށް އޮތް 24 ގަޑިއަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވަރަށްބޮޑަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ.

ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.