ސްޕެނިޝް ލީގުގެ އެތުލެޓިކޯ މެޑްރިޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އައި ބާސެލޯނާގެ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ އެއްބަސްވުން ދާއިމީކޮށްފިއެވެ.
މި އެއްބަސްވުމާއެކު އެޓްލެޓިކޯގައި ގްރިޒްމަން 2026 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރާނެ އެވެ.
2019 ވަނަ އަހަރު 108 މިލިއަން ޕައުންޑަށް ގްރިޒްމަން އެޓްލެޓިކޯއިން ބާސާއަށް ބަދަލުވުން ވެގެންދިޔައީ އޭނާ ދުނިޔޭގައި ހަވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށް ވެގެންދިޔަ ކަމަކަށެވެ. ނަމަވެސް އޭނާ އެޓްލެޓިކޯގައި ދެއްކި މޮޅު ކުޅުން ބާސާގައި ދެއްކޭގޮތް ވަނީ ނުވެފައެވެ. އޭނާ ބާސާއަށް ކުޅުނު 102 މެޗްގައި ގްރިޒްމަންވަނީ 35 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެޓްލެޓިކޯއިން ބާސާއާއެކު ވި ލޯން އެއްބަސްވުމުގައި އޮތް ގޮތުން ފަންސާސް އިންސައްތަ މެޗަށްވުރެ ގިނަ މެޗުގައި އެޓްލެޓިކޯއިން ގްރިޒްމަން 45 މިނެޓަށްވުރެ ގިނައިރު ކުޅުވައިފި ކަމަށްވާނަމަ 40 މިލިއަން ޔޫރޯގެ އަގަކަށް އެޓްލެޓިކޯއިން އެ ކުޅުންތެރިޔާ ގަންނަންޖެހޭނެކަމަށް ޝަރުތުކޮށްފައިވެއެވެ. އެހެންކަމުން އެކަން ކުރަން ނުޖެހޭނެ ގޮތެއްގެމަތިން އެޓްލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނީ ގްރިޒްމަން ބޭނުން ކޮށްފައިވަނީ ފަހު ހާފްގައި އަރުވާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިގޮތުން މިހާތަނަށް ކުޅުނު 11 މެޗްގެ ތެރެއިން 8 މެޗްގައި އޭނާ އަރުވާފައިވަނީ 60 މިނެޓަށްފަހުއެވެ.
އާ އެއްބަސްވުމާއެކު އެޓްލެޓިކޯގެ ދާއިމީ ކުޅުންތެރިއެއްގެ ގޮތުގައި ގްރިޒްމަން ކުޅޭ ފުރަތަމަ މެޗަށް ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫޖް އާއި ދެކޮޅަށް އެޓްލެޓިކޯ ކުޅޭ މެޗް ވެގެންދިއުން ވަރަށް ގާތެވެ. ގްރިޒްމަން ވަނީ އެޓްލެޓިކޯއަށް 304 މެޗްގައި 144 ލަނޑު މީގެކުރިން ޖަހާދީފައެވެ. އަދި މިފަހަރުގެ ސީޒަންގައި ވަރަށް ކުޑަ ވަގުތުކޮޅެއް ކުޅެން ލިބުމާއެކުވެސްވަނީ 11 މެޗްގައި ތިން ލަނޑު ޖަހާދީ ދެ އެސިސްޓް ކޮށްފައެވެ.