ޚަބަރު

މީރާއަށް ބަލައިގަތް އާމްދަނީ އަންދާޒާއަށްވުރެ އިތުރު


މިދިޔަމަހު މޯލްޑިސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ބަލައިގަތް އާމްދަނީ އަންދާޒާއަށްވުރެ އިތުރުކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.

މީރާއިން އެކަން ހާމަކުރީ އެ އިދާރާއިން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތަކުގައެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަމަހު މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، މި އަދަދަކީ މިދިޔަމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %11 އިތުރު އަދަދެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހު ލިބުނު އާމްދަނީއަށްވުރެ %29 ދަށް އަދަދެއްކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަމަހު އެއިދާރާއިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ނަން-ރެޒިޑެންޓް ވިތު ހޯލްޑިންގ ޓެކްސް، ކޯޕޮރޭޓް އިންކަމް ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެއިދާރާއިން އަންދާޒާކުރި ވަރަށްވުރެ އިތުރުވުމެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެންބަރުމަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް އަދި ޓޫރިޒަމް ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމެވެ. އަދި އޭގެތެރެއިން އިންކަމް ޓެކްސްގެ އާމްދަނީ ދަށްވީ ފުރަތަމަ އިންޓަރިމް ބަޔާން ހުށައަޅައި ފައިސާ ދެއްކުމުގެ ސުންގަނޑި މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހަށް ފަސްކޮށްފައިވުމުންކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ.

މިއަހަރުގެ ސެޕްޓެންބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމްލަ އާމްދަނީގެ %45.6 ނުވަތަ 640.96 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ.

ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 297.63 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް އިންކަމް ޓެކްސްގެ ގޮތުގައި 149.30 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 77.69 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ޖުމްލަ 174.84 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.