ޚަބަރު

ހައްޖަށް އެހީތެރިން ގެންދިޔައީ ޤަވާޢިދާ އެއްގޮތަށް - މިނިސްޓަރ ޒާހިރު


1443ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ޙައްޖު ކޯޕަރޭޝަނުގެ އެހީތެރިންގެ ގޮތުގައި ގެންދާނެ މީހުން ހޮވާފައިވާނީ މިނިސްޓްރީގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ހައްޖަށް އެހީތެރިން ގެންދިއުމުގައި ނުފޫޒު ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުތަކާއެކު އެ ކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ޙައްޖު އެހީތެރިން ހޮވާފައިވާނީ އާންމު އުސޫލުގެ ދަށުން އެކަމަށް އިއުލާނުކޮށް، ކުރިމަތިލީ މީހުން އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސްހޯދި މީހުނަށް އިސްކަން ދީގެން ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތީން އެހީތެރިންގެ ގޮތުގައި މިނިސްޓްރީގެ މުވައްޒަފަކު ވެސް ބައިވެރިވެފައިވާކަން މިނިސްޓަ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ރަޝީދު ވަނީ ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ބަދަލުގައި ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ހައްޖަށް ގެންދިޔަ މީހުން ކޯވިޑަށް ޓެސްޓު ކޮށްފައިވޭތޯ ވެސް ސުވާލުކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އެކަމަށް އިއުލާނު ކުރުމުން އެންމެ ހެޔޮ އަގެއް ހުށަހަޅާފައިވާނީ މެޑިފްލެކްސް ލެބޯރޭޓަރީން ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ފަރާތުން 1443ވަނަ އަހަރު ހައްޖުވެރިންގެ ޕީސީއާރު ޓެސްޓު ހަދާފައިވަނީ މެޑިފްލެކްސް މެދުވެރިކޮށް ބޮލަކަށް 200 ރުފިޔާގެ ރޭޓުންކަމަށެވެ. ނަމަވެސް އައިޖީއެމްއެޗުން އެ ޚިދުމަތް އެ ހައްޖު ކޯޕަރޭޝަނަށް ފޯރުކޮށްދެމުން ދިޔައީ ބޮލަކަށް 700 ރުފިޔާއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުންނަށް އެހީތެރިވުމުގެ ގޮތުން އެހީތެރިން ވަނީ ގެންގޮސްފައެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޙައްޖުވެރިން ޙައްޖަށް ގޮސްފައިވަނީ ކޯވިޑް-19 ޕީސީއާރް ޓެސްޓް ހަދައި ނެގެޓިވް ނަތީޖާއާއެކުގައެވެ.