ކުޅިވަރު

އެފްއެސްއެމް އާއި ސްޓެލްކޯ އެއްވަރު، އެމްޕީއެލް އަދި ރާއްޖެ އޮންލައިނަށް މޮޅެއް


ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕް 2022 ގައި އެންމެ ފަހުގެ ރަނަރަޕް ޓީމު އެފްއެސްއެމް އާއި ސްޓެލްކޯ ކްލަބު ބައްދަލުކުރި މެޗު އެއްވަރުވިއިރު، އެމްޕީއެލް އަދި ރާއްޖެ އޮންލައިން ކުލަބުން މޮޅަކުން މުބާރާތް ފަށައިފިއެވެ.

ގްރޫޕް އީގައި ހިމެނޭ ދެ ޓީމު ކަމަށްވާ އެފްއެސްއެމް އާއި ސްޓެލްކޯ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ބޯ ވިއްސާރައިގައި ހޯމަ ދުވަހުގެރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑު އެކެއްގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޓެލްކޯއިންނެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝުއައިދު ސައީދެވެ. އެކަމަކު ދެވަނަ ހާފުގައި ހިލޭ ޖެހުމަކުން މުޙައްމަދު ޖުމާން ވަނީ އެފްއެސްއެމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ރާއްޖެ އޮންލައިން ކުލަބުން ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ ހޯމް އެފެއާޒް ރެކްރިއޭޝަން ކުލަބު (އެޗްއޭއާރްސީ) އަތުން ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ރާއްޖެ އޮންލައިން ކުލަބުގެ ލަނޑުތައް ޖަހައިދިނީ ރަޝްވާން ރަޝީދާއި، ހަސަން ސޮލާހާއި، ހަމްދޫން އަޙްމަދާއި، ޔައީޝް މުސްތޮފާ އަދި އަބްދުﷲ މުއާޒެވެ. މީގެ ތެރެއިން ރަޝްވާން ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި އެޗްއޭއާރްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޒައިދާން އަބްދުﷲ އެވެ.

މީގެ އިތުރުން މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު ގްރޫޕް އެފްގެ ފުރަތަމަ މެޗުން އެމްޕީއެލް މޮޅުވީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު އަތުން 3-0 ގެ ނަތީޖާއަކުންނެވެ. ރެހެންދި ފުޓްސަލް ދަނޑު ދޭއްގައި ކުޅުނު މި މެޗުގައި އެމްޕީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި މުޙައްމަދު ސާދު ނިޒާރުގެ އިތުރުން މުޙައްމަދު ޔަފާއުއެވެ.

މި ގްރޫޕުގައި ދެން ހިމެނޭ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (ކުލަބު އެމްވައިއެސް) އާއި ކުލަބު އާސަންދަ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގައި އެމްވައިއެސްގެ ލަނޑުތައް ޖަހައިދިނީ އިލްވާން މުޙައްމަދާއި ދެ ލަނޑު ކާމިޔާބުކުރި ފަތުހުﷲ ޖަމީލެވެ. އަދި އާސަންދައިގެ ލަނޑުތައް ޖަހައިދިނީ އަސްހަމް އަޙްމަދާއި، އަޙްމަދު އަބްދުﷲ (ލިލީ) އަދި މުޙައްމަދު ރިލްވާނެވެ.

ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރުވެސް 32 ޓީމު ވަނީ ބައިވެރިވެފައެވެ. އެއާއެކު މުބާރާތް ކުރިއަށްދަނީ އަށް ގްރޫޕަކަށް ބަހާލައިގެންނެވެ.