ޚަބަރު

މިދިޔަ މަހުވެސް އެންމެ ގިނައިން ދައުވާކުރަން ފޮނުވީ މަސްތުވާތަކެތީގެ މައްސަލަތައް!


ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ މަހުގެ ހުށަހެޅި މައްސަލަތަކުގެ ތެރޭގައިވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށާ، އަދި އެންމެ ގިނައިން ދައުވާ ކުރަން ފޮނުވުނީވެސް މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕީޖީ އޮފީހުން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަމަހު ދައުވާ ކުރުމަށް އެދި 214 މައްސަލައެއްވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ބަލައިގެންފައިވަނީ 60 މައްސަލައެވެ. އެކި ސަބަބުތަކާހެދި 36 މައްސަލައެއްގައި ދައުވާ ނުކުރުމަށްވަނީ ނިންމާފައެވެ. އިތުރު މައުލޫމާތު ސާފު ކުރުމަށް 70 މައްސަލައެއް އަބުރާ ފޮނުވާލިއިރު، 48 މައްސަލައެއް ދަނީ ދިރާސާ ކުރަމުންނެވެ.

މިދިޔަ މަހު ދަޢުވާކުރުމަށް އެންމެގިނަ ޢަދަދަށް ހުށަހަޅާފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ 61 މައްސަލައެއްގައި ދައުވާ ކުރުމަށް އެދިފައިވެއެވެ.

މިޔަ މަހު އެކި އިދާރާތަކުން ތަހުގީގު ނިންމައި ދައުވާ ކޮށްދޭން ފޮނުވި މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހެޅީ ފުލުހުންނެވެ، ފުލުހުން ވަނީ 202 މައްސަލަ ފޮނުވާފައެވެ. އޭސީސީން 10 މައްސަލައެއް ފޮނުވިއިރު އެޗްއާރު ސީއެމްއިން ވަނީ 2 މައްސަލައެއް ފޮނުވާފައެވެ.

މިދިޔަމަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 214 މައްސަލައެއް ވަނީ އެކި ކޯޓުތަކަށް ދައުވާ ކުރުމަށް ހުށަހަޅާފައެވެ. މީގެ ތެރެއިން 55 މައްސަލަ އަކީ ޑްރަގު ކޯޓަށް ހުށަހެޅި މައްސަލަތަކެވެ. ކްރިމިނަލް ކޯޓަށް 37 މައްސަލަ ހުށަހެޅިއިރު ބާކީ ހުރި މައްސަލަތައް ހުށަހަޅާފައިވަނީ އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.

މިދިޔަ މަހު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 103 މައްސަލައެއް ވަނީ ސާބިތުވެފައެވެ.