ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް އިތުރު ދިވެހިން ބޭނުންވޭ: ފަޒްނާ


ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި މަސައްކަތްކުރުމަށް މިހާރަށްވުރެ އިރަށް ދިވެހިން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެގޮތުން ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މީހުން މަދުވުމާއެކު މީހުން ލިބުމުގައި ދަތިތަކެއް ހުންނަކަމަށެވެ. އަދި ވަކިން ޚާއްސަގޮތެއްގައި މިދާއިރާއަށް ގިނަ ދިވެހިން ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިދާއިރާއާ ގުޅުންހުރި ޓްރެއިނިންގތައް ހައްދަވައިގެން މަސައްކަތުގެ މައިދާނަށް ތިބޭފުޅުން ނިކުުންނަވާށޭ. ތިބޭފުޅުންނަށް އެބޮތް ހަމަގައިމުވެސް ވަޒީފާ މިދާއިރާއިން ލިބެން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވިއެވެ.

އަދި މިދާއިރާއިން ދިވެހިންނަށް ޑިމާންޑް ބޮޑުވާ އެއް ސަބަބެއްކަމަށް ބެލެވެނީ، ގިނަ ފަހަރަށް ބޭރު މީހަކަށްވުރެ ނުވަތަ އިތުރު މީހަކު މެދުވެރިކޮށް ތަރުޖަމާކޮށްގެން ފަރުވާ ދޭއިރު ބަލިމީހާއަށް އޭގެން އުނދަގޫތަކެއް ތަހައްމަލުކުރަން ޖެހުންކަމަށް ފަޒްނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10ވަނަ ދުވަހު ފާހަގަކުރަނީ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރެއްގެ ގޮތުގައި ޑަބްލިއު.އެޗް.އޯއިން ކަނޑައަޅުއްވާފައިވަނީ "މޭކް މެންޓަލް ހެލްތު އެންޑް ވެލްބީންގ އަ ގްލޯބަލް ޕްރަޔޯރިޓީ"އެވެ. މިއަހަރު އިސްކަން ދީފައިވަނީ ނަފްސާނީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްޙަތަކަށް ދުނިޔޭގެ ފެންވަރުގައި އިސްކަން ދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ދަރިވަރުން އިސްނަގައިގެންވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އޭގެތެރޭގައި "ޕިއަރ ސަޕޯޓް ސްކޮޑް"ގެ ނަމުގައި ޚާއްސަ ޓްރެއިނިންގއެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވަނީ މި ޓްރެއިނިންގ ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައިދެއްވާފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ.މުހައްމަދު ޝަރީފާއި ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ފެކަލްޓީ ތަކުގެ ޑީނުން ބައިވެރިވެވަޑައިގެންނެވިއެވެ.