ނަފްސާނީ ބަލީގެ ފަރުވާއަކީ، އެންމެނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ވޯލްޑް މެންޓަލް ހެލްތު ޑޭ ނުވަތަ ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ނަފްސާނީ ދުޅަހެޔޮކަން ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދެވޭ ކަމަކަށް ހެދުމަށްޓަކައި މުޅި މުޖުތަމަޢު މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. އަދި ހެޔޮ އަގެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދޭނެ ގޮތް ހެދުމަކީ އެންމެނަށް ކަށަވަރުވެފައިވާ ހައްގަކަށް ވާންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދުނިޔޭގެ ނަފްސާނީ ޞިއްހަތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހެވެ.
As we mark #WorldMentalHealthDay today, I call for a whole-of-society approach to bolster our commitment to raise awareness and make mental health and wellbeing for all a global priority. Timely and affordable access to mental health services must be a guaranteed right for all.
— Ibrahim Mohamed Solih (@ibusolih) October 10, 2022
ނަފްސާނީ ބަލިމަޑުކަމަކީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ އެއްބައްޔެވެ. ބަލީގެ ޙާލަތު ގޯސްވެފައިވާ މިންވަރަށް ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް، ސަރުކާރުން އަންނަނީ ބައްޔާއި ދެކޮޅަށް ދެވޭ ފަރުވާ އިތުރުކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.
އެގޮތުން އައިޖީއެމްއެޗްގައި މިވަގުތުވެސް ނަފްސާނީ ބައްޔަށް ޚާއްސަ ސެންޓަރެއް ޤާއިމުކޮށްފައިވާއިރު އަތޮޅުތަކުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.