ސްޕެނިޝް ލީގުގައި ސެލްޓަ ވީގޯ ބަލިކޮށް ތާވަލުގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބާރސާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސެލްޓައިންނެވެ. މިމެޗްގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހައިދިނީ ޕެޑްރީއެވެ. މިއީ އޭނާ ލީގުގައި ކާމިޔާބުކުރި ދެވަނަ ލަނޑެވެ.
މިމެޗްގައި ބާސާގެ ފަރާތުން އެ ޓީމްގެ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ސެލްޓައިން ވަނީ މިމެޗްގައި ބާސާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބުވެފައެއް ނުވެއެވެ.
މި ކާމިޔާބީއާއެކު ބާސާ ވަނީ ކުޅުނު އަށް މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވެސް 22 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ރެއާލް މެޑްރިޑާއި ބާސާގެ މެދުގައި މި ސީޒަންގެ ފުރަތަމަ އެލް-ކްލަސިކޯ މެޗު ކުޅެވޭއިރު، އެ މެޗުގެ ނަތީޖާއަށްފަހު ތާވަލުގެ ކުރިއަށް ބަދަލު އަންނާނެއެވެ.