އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
އެވަޓަންގެ ދަނޑުގައި ކުުޅުނު މި މެޗް ޔުނައިޓެޑުން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އެވަޓަންއިންނެވެ. މެޗްގެ ފަސްވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް އިވޯބީއެވެ.
ނަމަވެސް އޭގެ 10 މިނެޓް ފަހުން ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީއެވެ. މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ތިންވަނަ ލަނޑެވެ.
މި މެޗުން ޔުނައިޓުން މޮޅުވި ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކްލަބް ކެރިއަރުގައި ކާމިޔާބުކުރި 700 ވަނަ ލަނޑެވެ. އަދި މިއާއެކު އޭނާ ވެފައިވަނީ 700 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި އެވަޓަން އުޅެނީ ނުވަ މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.