17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖޭން ކުޅުނު ފަހު މެޗުން މިޔަންމާ އަތުންވެސް ބަލިވެއްޖެއެވެ. 
ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ކޮލިފިކޭޝަނުގެ ފަހު މެޗުން މިޔަންމާ އަތުން ރާއްޖެ ބަލިވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. 
މި މެޗުގެ ހަތްވަނަ މިނެޓުގައި މިޔަންމާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮއު މިޔޯ ޒައޮއެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ޒައޮ ވަނީ އިތުރު ލަނޑެއް ޖަހައި މިޔަންމާއަށް ލީޑު ފުޅާކޮށްދީފައެވެ. 
މި ލަނޑަށްފަހުވެސް މިޔަންމާއިން ރާއްޖޭގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 34 ވަނަ މިނެޓުގައި މިޔަންމާގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮނޭ އޮންގެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިޔަންމާގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަޔެޓް ފޯން ކަންޓެވެ. 
މެޗުގެ ދެވަނަ ހާފު ފަށައިގެން ރާއްޖޭން ކުޅުން ރަނގަޅުކޮށް މިޔަންމާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް މިޔަންމާއިން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޮން އައުންގެވެ. އަދި މި މެޗުގައި މިޔަންމާއިން ކާމިޔާބުކުރި ފަހު ލަނޑު އެ ޓީމަށް ޖަހައިދިނީ އައުންފް ޒޮއު މިޔޯއެވެ. 
މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އެގޮތުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ކުވައިތު އަތުން ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި  އިންޑިއާ އަތުން 5-0 ގެ ނަތީޖާއަކުން ބަލިވިއިރު، ސައުދީ އަތުން ބަލިވެފައިވަނީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.