ޚަބަރު

ރަޝިޔާ ސިފައިން ޒަޕޮރީޜިޔާއަށް ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ


ރަޝިޔާ ސިފައިން ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާއަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެއެވެ. ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ޒަޕޮރީޜިޔާގައި ޢާންމުން ދިރިއުޅޭ ގެތަކާއި ޢިމާރާތްތަކަށް ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާގައި 17 މީހުން މަރުވި ކަމުގައި ޒަޕޮރީޜިޔާގެ ސިޓީ ކައުންސިލުން ބުނެއެވެ.

މިއީ، "ނުބައި ނުލަފާ" ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުގައި ޢާންމުންގެ 49 މީހުން ޒަޚަމުވި ކަމުގައެވެ. މީގެ ތެރޭގައި ހަ ކުޑަކުދިން ހިމެނޭ ކަމަށާއި، އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމުގައި އޭނާ ވިދާޅުވިއެވެ. މަރުވި މީހުންގެ ތެރޭގައި ވެސް ކުޑަ ކުއްޖަކު ހިމެނެއެވެ.

ޒަޕޮރީޜިޔާއަށް ދީފައިވާ މިސައިލް ހަމަލާތަކުގައި ގެއްލުންވެ، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި، އެ މީހުން ސަލާމަތް ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ޒަޕޮރީޜިޔާއަކީ ހުސްވި ސެޕްޓެންބަރު މަހުގެ ތެރޭގައި ރަޝިޔާއިން އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. ޒަޕޮރީޜިޔާގެ އިތުރުން ރަޝިޔާއިން އެ ޤައުމުގެ ބައެއް ގޮތުގައި ކަނޑައަޅާފައިވާ އަނެއް ސަރަޙައްދުތަކަކީ ދެކުނުގައިވާ ޚާރްސަންއާއި އުތުރުގައިވާ ޑޮނެޓްސްކް އަދި ލުހާންސްކްއެވެ.

ރަޝިޔާ ސިފައިން ޒަޕޮރީޜިޔާއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި މި ވަނީ ރަޝިޔާއާއި ކްރައިމިޔާ ގުޅައިދޭ މައި ބުރިޖުގައި ދުއްވާފައި ދިޔަ އުޅަނދެއް ގޮވައި، ބުރިޖުގެ އެއް ފަޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުތާ އެއް ދުވަސް ފަހުންނެވެ. ރަޝިޔާއިން ބުނީ، ގޮވާފައިވާ އުޅަނދުގައި ބޮންތަކެއް ހަރުކޮށްފައިވާ ކަމުގައެވެ.

މި ހާދިސާގައި ތިން މީހުން މަރުވިއެވެ. އަދި، ބޮން ގޮވުމާ އެކު އެ ސަރަޙައްދުގައި އޮތް ބައެއް އުޅަނދުތަކުގައި ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާ ސިފައިން އަރައި ހިފާފައިވާ ސަރަޙައްދެކެވެ. އެއީ ވެސް، ރަޝިޔާގެ ބައެއްގެ ގޮތުގައި އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ކަނޑައަޅުއްވާފައެވެ.

ބުރިޖުގެ ބައެއް ގޮއްވައިލުމާ ގުޅިގެން ޔޫކްރެއިނުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ކަމާ އުފާ ފާޅުކޮށްފައެވެ. ނަމަވެސް، މިއީ ޔޫކްރެއިނުގެ ސިފައިން ދީފައިވާ ހަމަލާއެއް ކަމަށް އެ ޤައުމުން އަދި މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ. ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކް ވަނީ ބުރިޖުގައި ދީފައިވާ ހަމަލާގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، ބޮން ހަރުކޮށްފައިވާ އުޅަނދު ބުރިޖަށް އަރާފައި ވަނީ ރަޝިޔާއިން ކަމުގައި އޭނާ ވިދާޅުވިއެވެ.

"ބުރިޖުގައި ދިން ހަމަލާއިން ސާބިތުވާ ކަމަކީ، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ޤައުމު ނުކުޅެދިފައިވާ ކަން،" އެމެރިކާގެ ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓްޑީޒްގެ އޮފިޝަލެއް ކަމުގައިވާ މިކް ރަޔަން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ކްރައިމިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް އެޅުނެވެ.

ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުން ފަށާފައިވާ އަސްކަރީ ކެމްޕޭނުގައި އެ ޤައުމުން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. މި ކަމާ ގުޅިގެން ޕުޓިން ވަނީ، ޔޫކްރެއިނުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންގެ އެންމެ އިސް ޖެނެރަލުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރައްވާފައެވެ. އެ މަސައްކަތް މިހާރު ހަވާލުކޮށްފައި ވަނީ ޖެނެރަލް ސަރްގޭ ސުރޮވިކިންއާއެވެ.

ޖެނެރަލް ސުރޮވިކިން ކުރިން ހަރަކާތްތެރިވީ ޔޫކްރެއިނުގެ ދެކުނުގެ ސަރަޙައްދުތަކުގައެވެ. އޭނާއަކީ 1990ގެ އަހަރުތަކުގެ ތެރޭގައި ތަޖިކިސްތާނާއި ޗެޗްނިޔާގެ އިތުރުން ސޫރިޔާގައި ހިނގި ހަނގުރާމަތަކުގައި ބައިވެރިވެ، ތަޖުރިބާ ލިބިފައިވާ މީހެކެވެ.