އެމްޓީސީސީ ދިވެހި ސާފް ލީގުގެ ހަތަރުވަނަ މުބާރާތް ކަމަށްވާ ގާމާދޫކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން ހުސެއިން އަރީފް (އިބޫ) ހޯދައިފިއެވެ.
ކ. ހިންމަފުށީގައި ކުރިއަށްދިޔަ މި މުބާރާތް މިހާތަނަށް އެންމެ ގިނަ ފަހަރު ރާޅާއެޅުމުގެ ގައުމީ މުބާރާތް ކާމިޔާބުކޮށްފައިވާ އިބޫ ހޯދިއިރު، މިއީ 2019 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރި ފަހުން އިބޫ ވާދަކުރި ފުރަތަމަ މުބާރާތެވެ.
މި ފަހަރުގެ މުބާރާތުގެ ފިރިހެން އޯޕަންގެ ޗެމްޕިއަންކަން އިބޫ ހޯދީ ފައިނަލުގައި ހޫދު އަޙްމަދު (ހޫބްޒް) ބަލިކުރުމަށްފަހުއެވެ. ފޯރިގަދަ ފައިނަލް ހީޓުގައި އިބޫ އެންމެ ފުރަތަމަ ކުރީގައި އޮއްވައި ހޫދު ވަނީ ލީޑު ނަގާފައެވެ. އެކަމަކު އިބޫ މި ހީޓުން ކުރި ހޯދީ އެންމެ ފަހު ދެ ރާޅުގައި ރަނގަޅު ސްކޯއެއް ހޯދައިގެންނެވެ. އެގޮތުން ހީޓު ނިމުނުއިރު އިބޫ ކުރީގައި އޮތީ 13.43 ޕޮއިންޓުންނެވެ. އަދި ހޫދަށް ލިބިފައިވަނީ 12.20 ޕޮއިންޓެވެ.
މި މުބާރާތުގެ ފައިނަލުގައި ހޫދު ބަލިކޮށް އިބޫ ޗެމްޕިއަންކަން ހޯދިއިރު، އިބޫ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި، މި އަހަރުގެ ސާފް ލީގުގެ އެންމެ ފަހުގެ ދެ އިވެންޓު ކަމަށްވާ މ. މުލީގައި ކުރިއަށްދިޔަ މުލީކޮޅު ރާޅުގަނޑާއި ރ. ކިނޮޅަހުގައި ބޭއްވި ހުރާކޮޅު ރާޅުގަނޑުގެ ޗެމްޕިއަން އަޙްމަދު އާގިލް (އަންމަޑޭ) ބަލިކުރުމަށްފަހުއެވެ.
ހިންމަފުށީގައި ކުރިއަށްދިޔަ ގާމާދޫކޮޅު ރާޅުގަނޑުގެ 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ޗެމްޕިއަންކަން ހޯދާފައިވަނީ މުޙައްމަދު ޒަޔާން (ޗޮއްޕު) އެވެ. މުރުން 17 އަހަރުގެ ޗޮއްޕު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުޙައްމަދު އިނާން އަބްދުލް ހަންނާން ބަލިކުރުމަށްފަހުއެވެ.
އަދި މި މުބާރާތުގެ އަންހެން އޯޕަން ޗެމްޕިއަންކަންވެސް ހޯދާފައިވަނީ އާޔާ ނަސީމެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރިޝްތާ ޝުޖާއު ބަލިކުރުމަށްފަހުއެވެ.
މި އަހަރުގެ ދިވެހި ސާފް ލީގުގައި މިހާތަނަށް ހަތަރު މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއާއެކު ދެން ބާކީ އޮތީ އަންނަ ނޮވެމްބަރު މަހުގެ 10-19 އަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ގައުމީ މުބާރާތް "ރަންނަމާރި ޗެލެންޖް 1444" އެވެ.