ޚަބަރު

ނެކްޓަންގެ މިޝަން: 500 މީޓަރު އަޑީގެ ޑައިވްތަކާއި 900 މީޓަރު އަޑީގެ ވީޑިއޯތައް


ދިވެހި ސަރުކާރާއި އިނގެރޭސި ވިލާތުގެ މެރިން ރިސާޗް ފައުންޑޭޝަން، ނެކްޓަންއާއި ގުޅިގެން ރާއްޖޭގެ ކަނޑުތަކުގެ ފުނަށް ގޮސްގެން ހަދަމުންދާ ސާވޭ ނިންމާލައިފިއެވެ.

ދިވެހި މެރިން ސައިންޓިސްޓުންނާއި ބައިނަލްއަޤްވާމީ ސައިންޓިސްޓުން ބައިވެރިވި މި ސާވޭ ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ.

މި ސާވޭގައި ހަރަކާތްތެރިވެފައިވަނީ އަންހެނުން ހިމެނޭ އެކުއާނޮޓުންގެ ޓީމަކުންނެވެ. އަދި މިޓީމް އިސްކޮށް ހިންގާފައިވަނީ ދެ ދިވެހީންނެވެ.

ސާވޭގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާއިރު ސާވޭގައި ދިވެހި މެރިން ސައިންޓިސްޓުންނާއި ބައިނަލްއަޤްވާމީ ސައިންޓިސްޓުން ބައިވެރިވިއެވެ. އޭގެތެރޭގައި ގިނައީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ސައިންޓިސްޓުންނެވެ. މީގެ އިތުރުން މި ސާވޭގައި ދިވެހި 10 އެކުއާނޮޓުން ސާވޭތަކުގައި ބައިވެރިވެފައިވެއެވެ.

މިސާވޭގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންއާއި ނެކްޓަންގެ ސީއީއޯ އޮލިވާ ސްޓީޑްސްގެ އިތުރުން ނެކްޓަން ރާއްޖެއަށް ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި އިނގެރޭސި ހައި ކޮމިޝަނަރ ކެރަން ރޮސްލާ ބައިވެރިވެވަޑައިގެންނެވިއެވެ.

ސާވޭއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވިދާޅުވީ ކުރިއަށް ދެން އޮތީ މި ސާވޭއިން އެއްކުރާ މައުލޫމާތުތައް ދިރާސާ ކުރުންކަމަށެވެ. އަދި މި ސާވޭތައް އިނގިރޭސިވިލާތުގައި ދިރާސާ ކުރެވިގެންދާނެކަމަށާއި މިކަމުގައި ދިވެހި ސައިންޓިސްޓުންނަށް ބައިވެރިވެވޭނެ ގޮތެއް ހޯދުމުގެ މަޝްވަރާ މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސާވޭގައި 500 މީޓަރު ފުނާ ހަމައަށް ޑައިވްކޮށްގެން މައުލޫމާތު އެއްކޮށްފައިވާނެކަމަށެވެ. އަދި 900 މީޓަރާ ހަމައަށް ކަނޑު އަޑީގެ ވީޑިއޯތައް ނަގައި، ގިނަ އަދަދެއްގެ މައުލޫމާތާއި ސާމްޕަލް އެއްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނެކްޓަން މިޝަންގެ ތެރެއިން މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ސާވޭކޮށްފައިވެއެވެ. އެއީ 300 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ. އެއީ ރާއްޖޭގެ ހިކިފަސް ބިމުގެ ބޮޑުމިނާ އެއްވަރުގެ ސަރަޙައްދެކެވެ.

300 އަކަކިލޯމީޓަރުގެ ސަރަޙައްދެއް ސާވޭގެ ތެރެއިން ޗާޓު ކުރިއިރު، ހުވަދޫ ކަނޑުގައި އޮންނަ "ސަތޯ ރަހާ" ތިލައިގެ ސަރަޙައްދަކީ މޫދު އަޑީގައި ހެދިފައިވާ ފަރުބަދައެކެވެ. ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރުގެ މަސައްކަތުން މި ފަރުބަދައިގެ ބޮޑުމިން ވަނީ ހޯދައިފައެވެ.

ނެކްޓަން މިޝަންގައި ކަނޑުގެ ދިރާސާއަށް ބޭނުންވާ މަޢުލޫމާތު އެއްކުރިއިރު މީގެތެރެއިން ފުވައްމުލަކުގައި ހިމެނޭ "ޓައިގަރ ޝާކް" ނުވަތަ ފެމުނު މިޔަރުގެ އާބާދީއާއި ގުޅޭ މަޢުލޫމާތުވެސް އެއްކޮށްފައިވެއެވެ. މިއީ މި މިޝަންގެ ސައިންސްވެރިން ޚާއްސަ އިސްކަމެއް ދީގެން ކޮށްފައިވާ ސާވޭއެކެވެ.

ފުވައްމުލަކަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް "ޓައިގަރ ޝާކް" ނުވަތަ ފެމުނު މިޔަރު އެންމެ ގިނަ ޢަދަދަކަށް ފެންނަ އެއް މަންޒިލެވެ. މިހާތަނަށް އެއްކުރެވިފައިވާ މަޢުލޫމާތަށް ބަލާއިރު އެންމެ ދުޅަހެޔޮ ފެމުނު މިޔަރުގެ އާބާދީ ފެނިފައިވަނީވެސް ފުވައްމުލަކުންނެވެ.

ފުވައްމުލަކުގެ ފަޅުތެރެއިން ގިނަ ޢަދަދަކަށް މިޔަރު ފެންނަމުންދާއިރު މިހާތަނަށް 200 ފެމުނު މިޔަރު ފާހަގަވެފައިވެއެވެ. މިއީ ދުނިޔެއަށް ބަލާއިރުވެސް ފެމުނު މިޔަރުގެ އެންމެ ދުޅަހެޔޮ އާބާދީކަން މިސާވޭއިންވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން ބޮޑު ދިރާސާތަކެއް ހެދިފައި ނުވާއިރު ކަނޑުގެ 30 މީޓަރު އަޑީގައި ހިމެނޭ މިޔަރުތަކުގެ ހަގީގަތް އަދިވެސް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ނެކްޓަން މިޝަންގެ އެންމެ ބޮޑު އަމާޒަކީ ފުވައްމުލަކުގެ ކަނޑު އަޑީގެ ޙަގީގަތް ދެނެގަތުމެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެކްޓަންގެ ސީއީއޯ އޮލިވާ ސްޓީޑްސް ވިދާޅުވީ މީގެ އެތައްހާސް އަހަރެއް ކުރިން ރާއްޖޭގެ ކަނޑުގެ ފުން މިން ހުރީ 120 މީޓަރު އަޑީގައިކަމަށެވެ. މި ސާވޭގައި އެކަން ފާހަގަކުރެވުނުއިރު އޭރު ލޮނުގަނޑު ހުރި ހިސާބާއި ރާޅުތައް ޖަހާ ހިސާބުވެސް ފާހަގަކުރެވުނުކަމަށް އޮލިވާ ވިދާޅުވިއެވެ.

އޮލިވާ ވިދާޅުވީ މިއީ ނެކްޓަންއަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން މި މަސައްކަތް ކުރަންފެށީ ސާވޭގައި އެއްކުރާ ހުރިހާ މައުލޫމާތަކީ ރާއްޖޭއަށް އޭގެ މިލްކުވެރިކަން ލިބޭގޮތަށް އެއްބަސްވެގެންކަމަށެވެ. އަދި މި ސާވޭގެ ހުރިހާ މަރުހަލާއެއްވެސް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެއާ ގުޅިގެންކަން އޭނާ ފާހަގަކުރިއެވެ.

މި ސާވޭގައި ވީޑިއޯ ބޭނުންކޮށްގެން ކަނޑުގެ އެކި ފުންމިންތަކުގައި އުޅޭ ދިރުންތައް ހުރި ވަރާއި އޭގެ ވަށައިގެންވާ މާހައުލުގެ ވަރަށް ރަނގަޅަށް ބަލާފައިވެއެވެ. އަދި އޭގެތެރެއިން ބައެއް ސާމްޕަލްތައްވެސް ނަގާފައިވެއެވެ. މި ބެލިބެލުމުގައި ކަނޑު އަޑީގެ ބިން އުފެދިފައި ހުރި ގޮތާއި އެކި ސަރަޙައްދުތަކުގައި ދިރިއުޅެނީ ކޮންކޮން ބާވަތްތަކެއްކަމާއި އެ ބާވަތްތައް އެ ސަރަހައްދުތަކުގައި އުޅެނީ ކީއްވެގެންކަން ދިރާސާކޮށްފައިވެއެވެ.

މި ސާވޭއިން ދައްކާގޮތުގައި ކަނޑުގެ ފުނަށް ދިޔަވަރަކަށް ދިރުންތަކުގެ މިންވަރު އިތުރެވެ. އެގޮތުން ފާހަގަކުރެވުނު އެއް މިސާލަކީ 200 މީޓަރާއި އަޅާ ބަލާއިރު 500 މީޓަރު އަޑީގައި އުޅޭ ކަނޑުގެ ދިރުން މުއްސަނދިވެފައި ހިތްގައިމުކަމެވެ.

ރާއްޖޭގައި މީގެ ކުރިން މުޅިންވެސް ކޮށްފައިވަނީ ކަނޑުގެ ތިލަ ހިސާބުތަކުގެ ދިރާސާއެވެ. ނަމަވެސް ނެކްޓަން މިޝަންގައި ވަނީ ކަނޑުގެ އެންމެ ފުނަށް ގޮސް ކަނޑު އަޑީގެ ދިރުންތަކާއި ބިމުގެ ދިރާސާތައް ހަދާފައެވެ. އަދި މި ދިރާސާއަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މުހިންމު މައުލޫމާތުތަކަށް ވާނެއެވެ.