ކުޅިވަރު

ރާއްޖޭގެ ދެޓީމްވެސް ރިލޭއިން ޤައުމީ ރެކޯޑް އާކޮށްފި


  ރާއްޖޭގެ އަންހެން އަދި ފިރިހެން ރިލޭ ޓީމް ޤައުމީ ރެކޯޑް އާކޮށްފި. 12ވަނަ
ސައުތު އޭޝިއަން ގޭމްސްގައި މިއަދު ރާއްޖޭގެ އަންހެން އެތުލެޓިކްސް ޓީމާ ފިރިހެން
އެތުލެޓިކްސް ޓީމްވެސް ޤައުމީ ރެކޯޑް އާކުރީ ހަތަރެއް ގުނަ 100މީޓަރ ދުވުމުގައެވެ.



ފިރިހެން އެތްލެޓިކްްސް ޓީމް ރިލޭ ނިންމީ 41.21 ސިކުންތުންނެވެ. މީގެ ކުރިން
އެތްލެޓިކްސް ޓީމް ރެކޯޑް ހަދާފައިވަނީ 41.36 ސިކުންތުންނެވެ. ހަތަރެއް ގުނަ 100
މީޓަރ ދުވުމުގައި ރާއްޖެއިން ބައިވެރިވީ ހުސެއިން ހަލީމް، ހަސަން ސާިއދު، އަޒްނީމް
އަހުމަދު އަދި ހުސެއިން އިނާޝްއެވެ.



ފިރިހެން ހަތަރެއް ގުނަ 400 މީޓަރ ދުވުމުގެ ރަންމެޑަލް ހޯދީ ސްރީލަންކާއެވެ.
ރާއްޖެއިން ރޭސް ނިންމީ 4ވަނަ އަށެވެ.



ރާއްޖޭގެ އަންހެން އެތްލެޓިކްސް ޓީމް ހެދީ ހަތަރެއް ގުނަ 100މީޓަރ ދުވުމުން މީގެ
ނުވަ އަހަރު ކުރިން ހަދާފައިވާ ރެކޯޑެކެވެ. ރާއްޖޭގެ އަންހެން ޓީމް ރޭސް ނިންމީ
51.32 ސިކުންތުންނެވެ. މީގެ ނުވަ އަހަރު ކުރިން އަންހެން ޓީމް ރެކޯޑް ހެދީ 52.19
ސިކުންތުން ރޭސް ނިންމައިގެންނެވެ. ރާއްޖެ މިއަދު ރޭސް ނިންމީ ހަވަނަ އަށެވެ.
މިބައިގެވެސް ރަން މެޑަލް ހޯދީ ލަންކާއެވެ.



ރާއްޖޭގެ އަންހެން އެތްލެޓިކްސް ޓީމްގައި ހިމެނުނީ އަފާ އިސްމާއިލް، ޝަމްހާ
އަހުމަދު، މަރިޔަމް މިރުފަތު އަދި ނަޒްރާ ނަޢީމްއެވެ.