ޚަބަރު

ޕުޓިންގެ 70ވަނަ އުފަންދުވަހުގެ ހަދިޔާއަކީ އިންސާނީ ހައްޤުތަކުގެ ޙާލަތު ތަހުޤީޤުކުރަން ފެށުން


ރަޝިޔާ ރައްޔިތުންގެ އިންސާނީ ހައްޤުތަކުގެ ހާލަތު ދެނެގަތުމަށް ތަހުޤީޤު ކުރުމަށް އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއިން ފާސްކޮށްފިއެވެ. މިއީ، ރަޝިޔާގެ ދާޚިލީ މަސްރަޙު ތަހުޤީޤު ކުރުމަށް އ.ދ.ގެ އިދާރާއިން ނިންމާފައިވާ ފުރަތަމަ ފަހަރެވެ. ހުޅަނގުގެ ޤައުމުތަކުން ދެކެނީ، މިއީ އެ ޤައުމުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ރަޝިޔާގެ ރައްޔިތުންގެ އިސްސާނީ ހައްޤުތަކުގެ ހާލަތު ދެނެގަތުމަށް ތަހުޤީޤެއް ހިންގަމުން އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާއަށް ހުށަހަޅާފައި ވަނީ ވިލާތުގެ އިއްތިހާދުގެ އެންމެ ޤައުމެއް ފިޔަވައި އެހެން ހުރިހާ ޤައުމަކުން ގުޅިގެންނެވެ. ބައިވެރިނުވާ ހަމަ އެކަނި ޤައުމަކީ ހަންގެރީއެވެ.

ރަޝިޔާއާ ދެކޮޅަށް ހުށަހަޅާފައިވާ ޤަރާރަށް ތާޢީދުކޮށްފައި ވަނީ 47 މެންބަރުން ހިމެނޭ އިދާރާގެ 17 ޤައުމަކުންނެވެ. 24 ޤައުމަކުން ވަކި ކޮޅަކަށް ވޯޓުދީފައި ނުވާއިރު، ޤަރާރާ ދެކޮޅަށް ވޯޓު ލާފައިވާ ހަ ޤައުމުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.

މި ޤަރާރު ފާސްކޮށްފައި މި ވަނީ، ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލާ މީހުންނާ ދެކޮޅަށް ރަޝިޔާ ސިފައިން އިންސާނިއްޔަތާ ޚިލާފު އަދަބުތައް ދެމުންދާ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ޤަރާރު ފާސް ކުރުމުގެ ދެ ގަޑިއިރެއްހާ އިރު ކުރިން، އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ރަޝިޔާގެ ޖަމުޢިއްޔާއެއް ކަމުގައިވާ "މެމޯރިޔަލް"އަށް ވަނީ ނޮބެލް ސުލްޙައިގެ އިނާމު ވެސް އަރުވާފައެވެ.

މެމޯރިޔަލްއަކީ ރަޝިޔާ ސަރުކާރުން މަނާކޮށްފައިވާ، އަދި ބަލައިނުގަންނަ ޖަމުޢިއްޔާއެކެވެ. މެމޯރިޔަލްގެ އިތުރުން ނޮބެލް ސުލްޙައިގެ އިނާމު ދެން ލިބިފައި ވަނީ ޖަލަށް ލާފައިވާ ބެލަރޫސްގެ އިންސާނީ ހައްޤުތަކާ ބެހޭ އެކްޓިވިސްޓެއް ކަމުގައިވާ އެލެސް ބިއަލިއަޓްސްކީއާއި ޔޫކްރެއިނުގެ ޖަމުޢިއްޔާއެއް ކަމުގައިވާ ސެންޓަރ ފޯރ ސިވިލް ލިބަރޓީސްއަށެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ ޤަރާރު ފާސްކޮށްފައި ވަނީ ރަޝިޔާގެ ނޫސްވެރިއެއް ކަމުގައިވާ އަނާ ޕޮލިޓްކޮވްސްކާޔާ މަރައިލި ހާދިސާއަށް 16 އަހަރު ފުރޭ ދުވަހުގައި ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގައި ރަޝިޔާ ތަމްސީލު ކުރައްވާ ސަފީރު ގެނާޑީ ގެޓިލޮފް ވިދާޅުވީ، އެ ޤައުމާ ދެކޮޅަށް ފާސްކޮށްފައިވާ ޤަރާރަށް މާ ބޯޑު ތާޢީދެއް ނެތް ކަން، ޤަރާރާ އެއްކޮޅަށް ވޯޓުލާފައިވާ މެންބަރުންގެ އަދަދުން ވެސް ހާމަވާ ކަމުގައެވެ.

"މި ޤަރާރުގެ ހަމައެކަނި ބޭނުމަކީ ރަޝިޔާއަށް އަދަބު ދިނުން. މިއީ ސިޔާސީ ޤަރާރެއް. މި ޤަރާރަށް ރައްޔިތުންގެ ތާޢީދެއް ނޯންނާނެ،" ގެޓިލޮފް ވިދާޅުވިއެވެ.

މި ޤަރާރު ފާސްކޮށްފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އޭނާގެ 70ވަނަ އުފަން ދުވަސް ފާހަގަ ކުރައްވަމުން ގެންދަނިކޮށެވެ. އެ ކަން ފާހަގަ ކުރައްވައި ޓުވީޓު ކުރައްވަމުން އ.ދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގައި އިނގިރޭސި ވިލާތް ތަމްސީލު ކުރައްވާ ސަފީރު ސައިމަން މެންލީ ވަނީ ޕުޓިންއަށް ހަޖޫޖައްސަވައި، އުފާވެރި އުފަން ދުވަހެއްގެ ތަހުނިޔާ ދަންނަވާފައެވެ.

މި ޤަރާރުގެ ދަށުން ރަޝިޔާގެ އިންސާނީ ހައްޤުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރުމަށް ޚާއްޞަ ރެޕަޓުއާއެއް ޢައްޔަން ކުރެވޭނެއެވެ. އަދި، އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ރަޝިޔާގެ މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް މެދުވެރުކޮށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަޢުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރާނެއެވެ.