ޚަބަރު

ޔޫކްރެއިނުގެ 2,500 އަކަކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަންކޮށްފި


ރަޝިޔާ ސިފައިން އަތްގަދަކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން 2,500 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަން ކޮށްފައިވާ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ފެބުރުވަރީ 24ގައި ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެ ޤައުމުގެ އިރުމައްޗާއި ދެކުނުގެ ބޮޑު ސަރަޙައްދުތަކެއް ވަނީ ހިފާފައެވެ.

އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން ކެމްޕޭނެއް ފަށާފައި ވަނީ ސެޕްޓެންބަރު މަހުގެ ކުރީކޮޅެވެ. "ހުސްވި ހަފުތާގައި އެކަނިވެސް ޔޫކްރެއިން ސިފައިން ވަނީ 776 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ރަޝިޔާ ސިފައިން އަތްދަށުން މިނިވަން ކޮށްފައި. އޭގެ ތެރޭގައި ހިމެނޭ 29 ރަށަކާއި އަވަށެއްގެ ތެރެއިން ހަ ތަނެއް އެއީ ލުހާންސްކް ސަރަޙައްދުގެ ރަށްތަކާއި އަވަށްތައް،" ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިނުގެ އިރުމަތީގައިވާ ލުހާންސްކްއަކީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ރަޝިޔާގެ ސަރަޙައްދެއްގެ ގޮތުގައި އެ ޤައުމުން މިހާރު ބަލާ ސަރަޙައްދެކެވެ. ލުހާންސްކްގެ އިތުރުން ރަޝިޔާއިން ވަނީ އިރުމަތީގައިވާ ޑޮނެޓްސްކްއާއި ދެކުނުގައިވާ ޚާރްސަންގެ އިތުރުން ޒަޕޮރީޜިޔާއަކީ ވެސް ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލައިގަނެފައެވެ.

"ސެޕްޓެންބަރު މަހު ފެށި ކެމްޕޭނުގެ ދަށުން އިތުރު 2,434 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަން ކުރެވިއްޖެ. އެއީ، 96 ރަށަކާއި އަވަށެއް،" ޒެލެންސްކީ ވިދާޅުވިއެވެ. މި ކެމްޕޭންގެ ދަށުން ޔޫކްރެއިނުގެ ސިފައިން ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ނަމަވެސް، ޔޫކްރެއިނުގެ ބިމުގެ ސަރަޙައްދުގެ 15 އިންސައްތަ އަދިވެސް އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ.

ރަޝިޔާ ސިފައިންގެ އަތްދަށުން 6,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަން ކުރެވިފައިވާ ކަމަށް ޒެލެންސްކީ ވަނީ ސެޕްޓެންބަރު މަހުގެ މެދުތެރޭގައި އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، ޑޮނެޓްސްކްގައި ރަޝިޔާ ސިފައިން ވެސް ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި، ޑޮނެޓްސްކްގެ އިތުރު ސަރަޙައްދު ހިފާފައިވާ ކަމަށް ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ އޮކްޓޫބަރު 7ވަނަ ދުވަހު ހާމަކޮށްފައެވެ.

ޔޫކްރެއިނުގެ ދެކުނުގައިވާ ކްރައިމިޔާއަކީ ވެސް ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ. ރަޝިޔާ ސިފައިން އެ ސަރަޙައްދަށް އަތްގަދަ ކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. އަދި، އޭގެ ހަތަރު އަހަރު ފަހުން، ރަޝިޔާއާއި ކްރައިމިޔާ ގުޅައިދޭ 19 ކިލޯމީޓަރުގެ ބުރިޖެއް ވަނީ ހުޅުވާފައެވެ.

ނަމަވެސް، ސެޕްޓެންބަރު 8ވަނަ ދުވަހު އެ ބުރިޖުގައި ދަތުރުކުރަމުންދިޔަ އުޅަނދެއް ގޮވައި، އިތުރު އުޅަނދުތަކެއްގައި ރޯވެ، ހިނގި ހާދިސާގައި ބުރިޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. ބާރުގަދަ އެއްޗެއް ގޮވާފައި ވަނީ ބުރިޖުގައި ދަތުރު ކުރަމުންދިޔަ ތެޔޮ ބައުޒަރެއްގައި ކަމުގައި ރަޝިޔާގެ ނޭޝަނަލް އެންޓި-ޓެރަރިޒަމް ކޮމިޓީއިން ބުންޏެވެ.

މި ހާދިސާގައި ބުރިޖުގެ އެއް ފަޅި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މި ހާދިސާއާ ގުޅިގެން ޔޫކްރެއިނުގެ އޮފިޝަލުން ވަނީ އުފާ ފާޅު ކޮށްފައެވެ. ނަމަވެސް، އެ ތަނަށް ގެއްލުން ލިބިފައި ވަނީ ޔޫކްރެއިނުން ދިން ހަމަލާއަކާ ގުޅިގެން ކަމަށް ބުނެފައެއް ނުވެއެވެ. ބުރިޖަށް ލިބުނު ގެއްލުމާ ގުޅިގެން ޔޫކްރެއިނުގެ ދެކުނުގައި ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ޚާރްސަން ހިމެނޭ ސަރަޙައްދަށް މުދާ ފޮނުވުމަށް ރަޝިޔާއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

"ޔޫކްރެއިނަށް ރަޝިޔާއިން އަރުވާފައިވާ ހުރިހާ މުދަލެއް ނައްތައިލަން ޖެހޭ. ޔޫކްރެއިނުން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޖެހޭ. އަދި، ވަގަށް ނަގާފައިވާ ތަކެތި އަނބުރާ ހޯދަން ޖެހޭ،" ބުރިޖުގައި ހިނގި ހާދިސާއާ ގުޅިގެން ޔޫކްރެއިނުގެ ރައީސްގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކް ވިދާޅުވިއެވެ.