ޚަބަރު

ނާސާގެ ކުރީގެ އެސްޓްރޮނޯޓަކާއެކު ތުއްތުކުދިންނަށް ޝަޢުގުވެރި ވަގުތުކޮޅެއް


ނާސާގެ ކުރީގެ އެސްޓްރޮނޯޓެއްކަމަށްވާ ހައިޑީ މެރީ ސްޓެފަނީޝީން - ޕައިޕަރ އާއިއެކު މީޓް އެންޑް ގްރީޓް ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތް ބާއްވާފައިވަނީ ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރާއި، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާއާ ގުޅިގެންނެވެ.

ނޭޝަނަލް އާރޓް ގެލަރީގައި ކުރިއަށް ގެންގޮސްފައިވާ މި ހަރަކާތުގައި އެކިއެކި ސްކޫލްތަކުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގެ އެންމެ ބޮޑު މަޤްޞަދަކީ ޒުވާން ކުދިންގެ މެދުގައި ޖައްވީ ކަންކަމަށް ޝައުގު އުފެއްދުމެވެ.

މި ހަރަކާތުގެ ތެރެއިން ތަޖުރިބާ ހިއްސާކުރަމުން ނާސާގެ ކުރީގެ އެސްޓްރޮނޯޓް ހައިޑީމެރީ ސްޓެފަނީޝީން-ޕައިޕަރ ވިދާޅުވީ، އެއްވެސް އިރެއްގައި އެސްޓްރޮނޯޓްއަކަށް ވެވިދާނެކަމަށް ކުރިން ހިތައްވެސް ނާރާކަމަށެވެ. އެހެންނަމަވެސް ކުރަން ބޭނުންވެގެން ކުރާނަމަ ކޮންމެ މީހަކަށްވެސް މިއީ ކުރެވިދާނެކަމެއްކަމަށެވެ. އަދި މިކަމަކީ ބުރަ މަސައްކަތުން ކާމިޔާބުވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

އޭނާ ވަނީ ޖައްވީ ކަންކަމުގެ ތެރެއަށް ވަދެވުނު ގޮތާއި އެސްޓްރޮނޯޓެއްގެ ގޮތުގައި ކޮށްފައިވާ މަސައްކަތްތަކާއި، ކުރިމަތިލާފައިވާ ދަތިތަކާއި ގުޅޭގޮތުން ހަރަކާތުގެ ބައިވެރިންނަށް މައުލޫމާތުދީފައެވެ.

މި ހަރަކާތުގައި ސްކޫލް ދަރިވަރުންގެ ފަރާތުންވަނީ ދަރިވަރުން ބޭނުންވާ ސުވާލުތައް އެހުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ޖައްވީ ކަންކަމާ ބެހޭގޮތުން ކުދިންގެ މެދުގައި އުފެދޭ ސުވާލުތައް ވަނީ ހައިޑީއާއި ކޮށްފައެވެ.

އަދި މި ހަރަކާތް ނިންމާލުމުގެ ގޮތުން ހައިޑީއާއިއެކު ޚާއްސަ ޕޮޓޯ ނެގުމުގެ ސެޝަނެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.