ކުޅިވަރު

ވޯލްޑް ކަޕުގައި ޕޯޗުގަލުގެ ނެޓޯއަށް ނުކުޅެވޭނެ


އަނިޔާގެ ސަބަބުން ޕޯޗުގަލުގެ ފޯވާޑް ޕެޑްރޯ ނެޓޯއަށް ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުގައި ނުކުޅެވޭނެ ކަމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްއިން ބުނެފިއެވެ.

ވުލްވްސްއިން ހާމަކޮށްފައިވާގުގައި ނެޓޯގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން އޮޕަރޭޝަނެއް ވަނީ ކުރަން ޖެހިފައެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ނެޓޯގެ ފަޔަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއަރ ލީގުގައި ވުލްވްސް އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިންނެވެ. އެ މެޗްގައި އޭނާ ވަނީ 24 މިނެޓަށް ފަހު ބަދަލުކޮށްފައެވެ. ކްލަބުން ހާމަކުރިގޮތުގައި އޭނާއަށް ލިބިފައިވި އަނިޔާ އާއި ގުޅިގެން ސްޕެޝަލިސްޓުންގެ ލަފާގެ މަތިން މިހާރު އޮޕަރޭޝަނެއް ކުރަން ވަނީ ނިންމާފައެވެ. އަދި މިއޮޕަރޭޝަނާއެކު އޭނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕަށް ފިޓް ނުވާނެކަމަށްވެސް ވުލްވްސްއިން ބުނެއެވެ.

ނެޓޯ ވަނީ ޕޯޗުގަލް ޓީމަށް މިހާތަނަށް ތިން މެޗް ކުޅެދީފައެވެ. ނަމަވެސް އެންމެފަހުން ކުޅުނު ޔުއެފާ ނޭޝަންސް ލިގު މެޗްތަކުގައި ޗެކް ރިޕަބްލިކާއި ސްޕެއިންއާ ދެކޮޅަށް ކުޅުނު ދެ މެޗްގައި އޭނާ ބޭނުންކޮށްފައެއް ނުވެއެވެ. މިފަހަރުގެ ވޯލްޑް ކަޕް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ދެމެދުގައެވެ.

ނެޓޯއަށް ލިބިގެން ދިޔަ މިއަނިޔާގެ ސަބަބުން ވުލްވްސްގެ ފޯވާޑް ލައިނަށްވެސް މިވަނީ އިތުރު މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެ ޓީމްގެ ދެ ފޯވާޑުން ކަމަށްވާ ރައުލް ހިމެނޭޒް އާއި ހްވާން ހީ ޗޭން މިހާރުވެސް ތިބި އަނިޔާގައެވެ.