2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގެ ގުރުއަތުލުން ޖަރުމަނުގައި އާދީއްތަ ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާކަން ޔުއެފާއިން ހާމަކޮށްފިއެވެ.
މި މުބާރާތުގެ ކޮލިފައިންގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ ފްރޭންކްފަޓުގައެވެ.
މި ގުރުނެގުމުގައި ޔުއެފާގެ 55 މެންބަރުންގެ ތެރެއިން 53 މެންބަރުން ހިމެނިގެންދާނެ ކަމަށް ޔުއެފާއިން ބުނެއެވެ. މިގުރުނެގުމުގައި ހިމެނިފައިނުވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން އޮޓޮމެޓިކް ޖާގައެއް ލިބިފައިވާ ޖަރުނާއި ޔުއެފާގެ މުބާރާތްތަކުން ސަސްޕެންޑް ކޮށްފައިވާ ރަޝިޔާއެވެ.
މި ފަހަރުގެ ކޮލިފައިން ގުރުނެގުމުގައި ސީޑް ކަނޑައަޅާފައިވަނީ ޔުއެފާ ނޭޝަންސް ލީގުގައި ޓީމުތަކުން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށެވެ. އަދި 12 ޓީމަކަށް ޕްލޭއޮފް ޖާގައެއް ލިބޭނެކަންވެސް ނޭޝަންސް ލީގުން ވަނީ ކަށަވަރުވެގެން ގޮސްފައެވެ. މި 12 ޓީމަކީ ނޭޝަންސް ލީގުގެ ލީގް އޭ، ބީ އަދި ސީގެ ގްރޫޕްތަކުގެ އެއްވަނަ ހޯދި 12 ޓީމެވެ.
މިފަހަރުގެ ކޮލިފައިންގައި ފަސް ޓީމް ހިމެނޭ ހަތް ގްރޫޕް ހިމެނިގެން ދާއިރު، ހަ ޓީމް ހިމެނޭ ތިން ގްރޫޕް ހިމެނޭނެއެވެ. ނޭޝަންސް ލީގުގެ ފަައިނަލުން ޖާގަ ހޯދާފައިވާ ހަތަރު ޓީމު ކަމަށްވާ ކްރޮއޭޝިއާ، ނެދަލަންޑްސް، އިޓަލީ އަދި ސްޕެއިން ހިމެނިގެންދާނީ މަދު ޓީމް ހިމެނޭ ގްރޫޕްތަކުގެ ތެރެއިން ގްރޫޕްތަކުގައެވެ. މި 10 ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސީދާ ޔޫރޯއަށް ކޮލިފައިވާއިރު, ބާކީ އޮތް ތިން ޖާގަ ކަނޑައެޅިގެންދާނީ ޕްލޭއޮފް ކުޅެގެންނެވެ. އަދި ފަހު ޖާގައަކީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޖަރުމަނަށް ލިބިގެންދާ ޖާގައެކެވެ.
މި މުބާރާތުގެ ކޮލިފައިން މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ކޮލިފައިންގ ނިންމާލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.