ޚަބަރު

ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ ކުރިން ރަޝިޔާއަށް ހަމަލާދޭން ޖެހޭ: ޒެލެންސްކީ


ރަޝިޔާއިން ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ނިއުކްލިޔަރ ހަމަލާއެއް ދިނުމުގެ ކުރިން ވިލާތުގެ ޤައުމުތަކުން ރަޝިޔާއަށް ހަމަލާދީ، ރަޝިޔާ ހުއްޓުވަން ޖެހޭ ކަމުގައި ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ އޮސްޓްރޭލިޔާގެ ތިންކް ޓޭންކެއް ކަމުގައިވާ ލޯވީ އިންސްޓިޓިއުޓަށް ދިން އިންޓަރވިއުއެއްގައެވެ.

ރަޝިޔާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރަން ފަސް ނުޖެހޭނެ ކަމުގައި ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި، ޔޫކްރެއިނުން އަތްގަދަކޮށްފައިވާ ސަރަޙައްދުތައް ވެސް ހިމެނޭ ކަމުގައި ޕުޓިން ވިދާޅުވެއެވެ.

ރަޝިޔާއަށް ހަމަލާދޭން ޒެލެންސްކީ ގޮވައިލެއްވުމުން ރަޝިޔާއިން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. "ޔޫކްރެއިނުން އެ ގޮވައިލަނީ ބޮޑު ހަނގުރާމައެއް ފެށުމަށް. އެ ފަދަ ހަނގުރާމައެއް ފަށައިފި ނަމަ ހާލަތު ވަރަށް ގޯސްވާނެ،" ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮފް ވިދާޅުވިއެވެ.

ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއްގައި ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފަހު، އެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެއީ ޑޮނެޓްސްކް، ލުހާންސްކް، ޚާރްސަން އަދި ޒަޕޮރީޜިޔާއެވެ. އެއީ ޔޫކްރެއިނުގެ ގާތްގަނޑަކަށް 15 އިންސައްތަ ބިމުގެ ސަރަޙައްދެވެ.

ނަމަވެސް، ޔޫކްރެއިނުގެ ފައުޖުތަކުން ދަނީ ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި، އެ މަސައްކަތުގައި އެ ޤައުމުން ދަނީ ކުރިއެރުންތަކެއް ވެސް ހޯދަމުންނެވެ. ޒެލެންސްކީ ވިދާޅުވީ، ޚާރްސަންގެ 500 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަން ކޮށްފައިވާ ކަމުގައެވެ.

ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކޮށްފައިވާ ޔޫކްރެއިނުގެ އިރުއުތުރުގައިވާ ޚާރްކިވް ސަރަޙައްދުން މަރައިލާފައިވާ ގިނަ އަދަދެއްގެ މީހުންގެ ހަށިތައް ފެނިފައިވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ. ޖުމުލަ 534 މީހެއްގެ ހަށިގަނޑު ފެނިފައިވާ އިރު، މީގެ ތެރޭގައި 19 ކުޑަކުދިން ވެސް ހިމެނޭ ކަމުގައި އެ ޤައުމުން ބުނެއެވެ. މީގެ ތެރެއިން 447 ހަށިގަނޑު ފެނިފައި ވަނީ ރަޝިޔާގެ އަތްދަށުން މިނިވަން ކުރި ރަށެއް ކަމުގައިވާ އިޒްޔުމްއިންނެވެ.

ޔޫކްރެއިނުގެ ރައްޔިތުންނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރެއް ބޭނުން ކުރަން ޕުޓިން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް އެމެރިކާއިން ވެސް ޤަބޫލު ކުރެއެވެ. "ކިޔުބާ މިސައިލް ކާރިސާއަށް ފަހު ދުނިޔެއަށް ފުރަތަމަ ފަހަރަށް މި ވަނީ ނިއުކްލިޔަރ ހަމަލާއެއްގެ ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހިފައި،" އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ.