ޚަބަރު

އިންޑޮނީޝިޔާގެ ވެރިރަށް ފެނުއަޑީގައި


އިންޑޮނީޝިޔާއަށް ބޯކޮށް ވާރޭވެހި ވެރިރަށް ޖަކަރްތާގައި ފެންބޮޑުވެގެން ހިނގި ހާދިސާއެއްގައި ތިން މީހުން މަރުވެއްޖެއެވެ. ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމާ ގުޅިގެން 30 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޖަކަރްތާގެ ގްރެއިޓަރ ޖަކަރްތާ މެޓްރޮޕޮލިޓަން ސަރަޙައްދުގައި ވަނީ ފެންބޮޑުވެފައެވެ.

ތިން މީހަކު މަރުވެފައި ވަނީ ފެންބޮޑުވުމާ ގުޅިގެން ސްކޫލެއްގެ ފާރެއް ވެއްޓި ދަށުވެގެން ކަމުގައި ޖަކަރްތާގެ ފުލުހުން ބުނެއެވެ. މި ހާދިސާގައި ސްކޫލަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމުގައި ޖަކަރްތާގެ ފުލުހުން ބުނެއެވެ.

މި ހާދިސާގައި މަރުވީ ސްކޫލްގެ ތިން ދަރިވަރުން ކަމަށް ޖަކަރްތާގެ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. ނަމަވެސް، ފުލުހުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މި ހާދިސާ ހިނގުމާ އެކު ސްކޫލްގައި ތިބި އެހެން ދަރިވަރުން ވަނީ ރައްކާތެރި ތަނަކަށް ބަދަލުކޮށް، ސްކޫލް ހުސްކޮށްފައެވެ.

ފެބުރުވަރީ މަހު ޖަކަރްތާގައި ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި ފަސް މީހުން މަރުވިއެވެ. 2020ވަނަ އަހަރު ބޯކޮށް ވާރޭވެހުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ގޮސް، 67އަށްވުރެ ގިނަ މީހުން މަރުވިއެވެ. ބައެއް ސަރަޙައްދުތަކުގައި ޢިމާރާތްތަކުގެ ދެވަނަ ފަންގިފިލައާ ހަމައަށް ފެންގަނޑު ބޮޑުވިއެވެ.