ޚަބަރު

ޤުރުއާން މުޠާލިޢާ ކުރުމަށް ޙާފިޒުންނަށް މަޖުބޫރުކޮށް ޚާއްޞަ ޕްރޮގްރާމެއް ހިންގަނީ


ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ ޙާފިޛުން، ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު، މުޅި ޤުރުޢާން އަލުން މުޠާލިޢާ ކުރައްވަން މަޖުބޫރުވާ، ޙާއްޞަ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭގޮތަށް މިހާރު ނިންމަވާފައިވާކަމަށް ކީރިތި ޤުރުޢާނާބެހޭ ޤައުމީ މަރުކަޒުން ހާމަކުރައްވައިފިއެވެ.

އެމަރުކަޒުން މިގޮތަށް ހަމަޖެއްސެވުމަށް ނިންމެވީ، ޤުރުޢާން ހިތުދަސްކުރައްވައިގެން ޙާފިޛުކަމުގެ ސަނަދު ނަންގަވައިގެންވެސް ޤުރުއާން މުރާޖަޢާ ނުކުރައްވައި ނުވަތަ މުޠާލިޢާ ނުކުރެއްވުމުގެ ސަބަބުން ބައެއް ޙާފިޒުންނަށް ޤުރުއާން ހަނދާންނެތުމުގެ މައްސަލަ ދިމާވާތީއެވެ. އަދި ރަށްރަށުގައި ރޯދަމަހު ތަރާވީޙު ނަމާދު ކުރާނެ ޙާފިޒުން ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަކީވެސް މިކަމުގެ މަޤުސަދެއްކަމަށް އެމަރުކަޒުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ކޯޑިނޭޓަރ އަލްއުސްތާޛު ޢަލީ ވަޙީދު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރައްވައިގެން ޙާފިޛްކަމުގެ ސަނަދު ނަންގަވައިގެން، ގިނަ ބަޔަކު ދަސްވެނިވިނަމަވެސް، ރަމަޟާންމަހު ތަރާވީޙް ނަމާދުކުރުމަށް ޙާފިޒުން ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމަށެވެ. ވޭތުވެދިޔަ ތަނުގައި ތަރާވީޙު ނަމާދުކުރުމަށް ދިވެހިން ޝަޢުޤުވެރިކަން އުފެއްދުމަށްޓަކައި، ތަރާވީޙް ނަމާދުކުރުމުންދޭ އެލަވެންސްވެސް ބޮޑުކޮށްފައިވާކަށާ، ނަމަވެސް އެކަމަށް އެކަށީގެންވާވަރުގެ ތަރުޙީބެއް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ވަނީ ޤުރުއާން ހިތުދަސްކުރުމަށްފަހު މުޠާލިޢާ ނުކުރުން ނުވަތަ މުރާޖަޢާކުރާނެ ވަގުތު ނުވެގެން ތަރާވީޙް ނަމާދު ކުރެވިދާނެކަމާމެދު ބައެއް ޙާފިޒުންނަށް ޝައްކު އުފެދޭތީކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ. ޢާއްމުގޮތެއްގައި ރާއްޖޭގެ ގިނަ މިސްކިތްތަކުގައި ރޯދަމަކު ކުރާ ތަރާވީޙް ނަމާދުގައި ކީރިތިޤުރްއާން ޚަތިމުކުރެއެވެ. މިކަންކުރަނީ ތަރާވިޙް ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ޤުރުއާނުން ބައެއް ކިޔަވަމުންގޮސް މުޅި ރަމަޟާން މަސް ނިމޭއިރު ޚަތިމްކުރެވޭ ގޮތަށެވެ.

"ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޙާފިޒުންނަށް ހަތަރު އަހަރުން ނުވަތަ ތިން އަހަރުން ނަމަވެސް މި ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެކަމަށް އަޅުގަނޑުމެން ކަނޑައަޅާ ކަނޑައެޅުން. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާއި ކަމާބެހޭ ފަރާތްތަކާއި އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން މިދާއިރާ ހަރުދަނާކުރަން އެބަޖެހޭ. އެއްގޮތަކަށްވެސް އަޅުގަނޑުމެން ދޫކޮށްލައިގެން ވާނެ ކަމެއް ނޫން މިއީކީއެއް." ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޢަލީ ވަހީދު ވިދާޅުވީ ޙާފިޒުންގެ ދަފްތަރު ބެލެހެއްޓުމަކީވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ޒިންމާއެއްކަމަށެވެ. އެހެންކަމުން ދަފްތަރުގައި ޙާފިޒެއްގެ ނަން ނެތްނަމަ، ޤުރުއާން ހިތުދަސްކޮށްގެން ސަރުކާރުންދޭ އެލަވަންސް ދިނުމާއެކު ސުވާލު އުފެދޭކަމަށެވެ. ދަފްތަރުގައި ޙާފިޒުން ޖެއްސޭނީ ޤުރުއާނާބެހޭ މަރުކަޒުން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި ބައިވެރިވެގެންކަން އައު އުސޫލުގައި ހިމަނާނެކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ކޮންމެ އަހަރަކުވެސް ޤުރުއާން ހިތުދަސްކުރައްވައިގެން ހާފިޒުން ދަސްވެނިވެއެވެ. ޤަރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ޤުރުޢާން ހިތުދަސްކޮށްގެން ލިބޭ ސެޓްފިކެޓް ރޭންކުކުރުމުގެ މަސައްކަތްވެސް އެ މަރުކަޒުން މިހާރު ކުރަމުން އަންނަކަމަށެވެ.