ޚަބަރު

މިދިޔަ 24 ގަޑިއިރު ދެކުނަށް ބޯކޮށް ވާރޭ، ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސް


މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ދެކުުނުގެ އަތޮޅުތަކަށް ވަރަށް ބޯކޮށް ވާރެވެހިފައިވާކަމަށާއި ކުރިއަށްއޮތް 24 ގަޑިއިރުވެސް ވިއްސާރަކުރާނެ ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން އައްޑޫ ސިޓީ ގަމަށް 69.6 މިލިމީޓަރަށް ވާރޭ ވެހިފައިވާއިރު އެ ސިޓީގެ ހުޅުމީދޫއަށް 65 މިލިމީޓަރަށް ވެހިފައިވެއެވެ. ދެން އެންމެ ބޯކޮށް ވާރޭވެހިފައިވާކަމަށް ރެކޯޑުކޮށްފައި ވަނީ ފުވައްމުލަކުންނެވެ. ހުވަދޫ އަތޮޅުންވެސް ބޯ ވިއްސާރައާއި ވާރޭ ރިކޯޑުކޮށްފައިވާއިރު މިގޮތަށް ވިއްސާރަކޮށްފައި ވަނީ ލ. އަތޮޅުން ދެކުނަށެވެ.

މުސުމާބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް އެ ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ. އެކަމަކު މި ވިއްސާރައިގެ އަސަރު ރާއްޖޭގެ އުތުރަށް ނުކުރާނެ ކަމަށާއި ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކޮށްފާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް އެވަރެޖްކޮށް ވައި ޖެހެނީ 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނެއްގައިކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސްކުރެއެވެ. ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުފަތުރުކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.