ވިޔަފާރި

ދުނިޔޭގެ އިގްތިސާދީ ދުވެލި ހަލުއިވާނެކަމަށް ލަފާކުރި މިންވަރު އަނެއްކާވެސް ދަށްކޮށްފި


ދުނިޔޭގެ އިގްތިސާދީ ދުވެލި ހަލުއިވާނެކަމަށް ލަފާކުރި މިންވަރު އަނެއްކާވެސް ދަށްކުރާނެ ކަމަށް އައިއެމްއެފްއިން ބުނެފި

ދުނިޔޭގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %2.9އަށް ހަލުއިވާނެ ކަމަށް މީގެކުރިން ލަފާކޮށްފައިއޮތް ނަމަވެސް އަންނަ ހަފްތާ އަނެއްކާވެސް އެ މިންވަރު ދަށްކުރާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެއެވެ.

އަންނަ ހަފްތާގައި އައިއެމްއެފްއިން އާންމުކުރަން ހަމަޖެހިފައިވާ ވޯލްޑް އިކޮނޮމިކް އައުޓްލުކް އާންމު ކުރާއިރު އަންނަ އަހަރުގެ އިގްތިސާދީ ދުވެލި ހަލުއިވާނެ ކަމަށް މީގެކުރިން ލަފާކޮށްފައިވާ މިންވަރު ދަށްކުރާނެ ކަމަށް ޖޯޖީވާ ވިދާޅުވިއެވެ. އަދި މިއަހަރަށް ލަފާކޮށްފައިވާ %3.2 އަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށް ބުނެފައިވާއިރު، އަންނަ އަހަރު އިގްތިސާދީ ދުވެލި ދަށްވާނެ މިންވަރެއްވެސް އިއުލާނުކޮށްފައެއް ނުވެއެވެ.

ކޯވިޑުގެ ބަލިމަޑުކަމާއި،ރަޝިއާ ޔުކްރެއިން ހަނގުރާމަ އަދި ބައްރުތަކަށް ކުރިމަތިލާންޖެހޭ މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުވަމުންދާކަމަށް ޖޯޖީވާ ވިދާޅުވިއެވެ. އަދި ކުރީގެ ގޮތަށް ދަށް އިންފްލޭޝަން ރޭޓާއި އިންޓަރެސްޓް ރޭޓު ދަށްކޮށްފިނަމަ ކޮންމެ ގައުމެއްވެސް އިގްތިސްދީ މާ އަވަހަށް އިނދަޖެހޭނެއެވެ.

ދުނިޔޭގެ ބޮޑެތި އިގްތިސާދުތައް ކަމަށްވާ ޔޫރަޕާއި ޗައިނާ އަދި އެމެރިކާގެ އިގްތިސާދީ ދުވެލިވެސް މިހާރު މަޑުޖެހެމުންދާކަމަށް ޖޯޖީވާ ވިދާޅުވިއެވެ. މީގެސަބަބުން ކާބޯތަކެއްޗާއި ހަކަތަގެ އަގު އުފުލި މިހާރުވެސް އިގްތިސާދަށް އަސަރުކޮށްފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އެކްސްޕޯޓޫ ޑިމާންޑް އަންނަނީ ދަށްވަމުންކަމަށް އެކަމަނާ އިތުރަށް ވިދާޅުވިއެވެ.

ދުނިޔޭގެ އިގްތިސާދުގެ ގާތްގަޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާވާ ގައުމުތަކުގެ އިގްތިސާދީ ދުވެލި މިއަހަރު ނުވަތަ އަންނަ އަހަރު މަދުވެގެން ޖެހިޖެހިގެން ދެ ކުއާޓަރުގައި ދަށްވާނެކަމަށް ޖޯޖީވާ ވިދާޅުވިއެވެ.

ޖުމްލަކޮށް ބަލާއިރު މިހާރުން ފެށިގެން 2026 އާއި ދެމެދު ދުނިޔޭގެ އުފެއްދުންތައް 4 ޓްރިލިއަން އެމެރިކާ ޑޮލަރު ދަށްވާނެ ކަމަށާއި އެއީ ގާތްގަނޑަކަށް ޖަރުމަނުވިލާތުގެ އިގްތިސާދުގެ ސައިޒާ އެއް ސައިޒެއްކަމަށް ޖޯޖީވާ ވިދާޅުވިއެވެ. އަދި އިތުރު އިގްތިސާދީ ލޮޅުންތަކެއް އަތުވެދާނެ ކަމަށް ވެސް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

ޖޯޖީވާ ވިދާޅުވީ އިންފްލޭޝަން މަތިވަމުން ދިޔަ ނަމަވެސް މަރުކަޒީ ބޭންކުތަކުން ގެންގުޅޭ އުސޫލުތަކުގައި ހިފަހައްޓައި ދެމިތިބެންޖެހޭ ކަމަށެވެ.

ކުރިއަރާފައިވާ އިގްތިސާދުތަކުގައި އިންޓަރެސްޓް ރޭޓް މަތިވުމާއި ޑޮލަރުގެ ބާރުގަދަވުމުގެ ސަބަބުން ކެޕިޓަލް އައުޓްފްލޯ އުފެދިފައިވާކަން ފާހަގަކުރައްވައި ޖޯޖީވާ ވަނީ ކުރިއަރަމުން އަންނަ މާކެޓްތަކަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޮޑު އެއްބާރުލުމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އަންނަ ހަފްތާގައި ވޮޝިންޓަނުގައި ބާއްވާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކުތަކުން ބައިވެރިވާ ވޯލްޑް ބޭންކުންގެ އަހަރީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރަޝިއާ ޔުކްރެއިން ހަނގުރާމައާއި އިގްތިސާދީ ގޮތުން ދުނިޔެއަށް އޮތް ބިރުވެރިކަމުގެ މައްޗަށެވެ.