ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި އޮމޯނިއާ ނިކޯސިއާއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
އޮމޯނިއާގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކުރީ ފަހަތުން އަރާ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗްގެ 34 ވަނަ މިނެޓްގައި އޮމޯނިއާއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކަރީމް އަންސަރިފާރޑްއެވެ.
މިމެޗްގައި ޔުނައިޓެޑުން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ޖަހާދިނީ މާކަސް ރަޝްފަޑްއެވެ. މިމެޗްގައި ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ލީޑު ނެގީ މެޗްގެ 63 ވަނަ މިނެޓްގައި އެންތަނީ މާޝަލް ޖަހާދިން ލަނޑުންނެވެ. އަދި ޔުނައިޓެޑްގެ ފަހު ލަނޑު މެޗްގެ 84 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސ ޖަހާދިން ރަޝްފަޑްއެވެ. ނަމަވެސް މިލަނޑު ޖެހިތާ އެއް މިނެޓްފަހުން އޮމޯނިއާގެ ނިކޮލަސް ޕަނަޔިއޯޓޫވަނީ ލަނޑެއް ޖަހާ ދެޓީމްގެ ދޭތެރޭގައި ވާ ފަރަގު ކުޑަކޮށްފައެވެ.
މިކާމީޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު ތިން މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ގްރޫޕް އީގެ ދެވަނައިގައެވެ. މިގްރޫޕްގެ އެއްވަނައިގާ އުޅޭނީ ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްފައިވާ ރެއާލް ސޮސިއެޑާޑްއެވެ. އިމޯނިއާ އުޅެނީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ. މިގްރޫޕްގައި ރޭ ސޮސިއެޑާޑް އާއި ޝެރިފް ޓިރަސްޕޯލް ބައްދަލުކުރިމެޗް ރަށުން ބޭރުގައި ދެލަނޑު ސުންލަނޑުން ކާމިޔާބުކުރީ ސޮސިއެޑާޑްއެވެ.