ކުޅިވަރު

އެންޑަލެންކްޓް އަތުން ވެސްޓް ހޭމަށް މޮޅެއް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ގްރޫޕް ބީގައި އެންޑަލެންކްޓާ ދެކޮޅަށް ކުޅުނު މެޗު ވެސްޓް ހޭމް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

އެންޑަލެކްޓްގެ ދަނޑުގައި ކުޅުނު މިމެޗް ވެސްޓް ހޭމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ގެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމްއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ވެސްޓް ހޭމްއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖިއާންލޫކާ ސްކަމަކާއެވެ. މިލަނޑު ޖެހިތާ މާގިނައިރެއް ނުވަނީސް އެންޑަލެކްޓަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިހަމަލާވަނީ ވެސްޓް ހޭމްގެ ކީޕަރ އަލްފަންސޯ އަރިއޯލާ ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިވަނީ މިމުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގާ އުޅެނީ ހަތަރު ޕޮއިންޓާއެކު އެންޑަލެކްޓެވެ. މިގްރޫޕްގައި ރޭ ސިލްކަބޯގް އައިއެފް އާއި އެފްސީއެސްބީ ބައްދަލުކުރިމެޗް ފަސް ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ސިލްކަރބޯގްއެވެ.