ޚަބަރު

2 ހަފްތާތެރޭގައި މަސައްކަތް ނިންމައި، 31 ވަނަ ދުވަހު މަޖިލީހަށް ބަޖެޓް ހުށަހަޅަނީ


އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާތެރޭ ނިމޭނެކަމަށް ފިނޭންްސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިމަހުގެ 31 ވަނަ ދުވަހު ބަޖެޓް މަޖިލީހަށް ހުށަހެޅުން އޮންނާނެ ކަމަށެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ބާބު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އަހުމަދު ސަރުވާޝް އާދަމް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ތައްޔާރުުކުރުމުގައި މިހާރު ކުރިއަށްދަނީ ޕީއެސްއައިޕީގެ މަޝްރޫޢުތައް ބެލުމާއި، އަންނަ އަހަރަށް ބަޖެޓަށް އަލަށް ހިމަނާނެ މަޝްރޫޢުތަކާއި މަޝްވަރާތަކާއި ގުޅޭގޮތުން ކަމަށެވެ.

"މިހާރު ހުރިހާ އޮފީސްތަކަކާއި ބައްދަލުކޮށް، އޮފީސްތަކުގެ ބަޖެޓު އިވެލުއޭޓުކޮށް ނިމިފައިވަނީ، މިވަގުތު މި ކުރަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަޕްޑޭޓުތައް ބެލުމާއި، އެކަންކަން ފައިނަލްކުރުމުގެ މަސައްކަތް، އޭގެއިތުރުން ބަޖެޓުގައި އަންނަ އަހަރު އަލަށް ހިމަނާނެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމާއި ޖުމްލަކޮށް ފިސްކަލް ސްޓްރެޓަޖީ އާއި އެއްގޮތަށް ބަޖެޓު ކޮންސޮލިޑޭޓުކުރުމުގެ މަސައްކަތްކުރިއަށްދަނީ" ސަރުވާޝް ވިދާޅުވިއެވެ.

މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ޕީއެސްއައިޕީއަށާއި ބައެއް މުއައްސަސާތަކުގެ ބަޖެޓަށް 73 މިލިއަން ރުފިޔާ އިތުރުކުރުމުން ބަޖެޓް ޖުމްލަ ވަނީ 36.99 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރީ 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަކަމަށް ވޯޓް ދެއްވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ 8 މެމްބަރަކެވެ.