ދީން

ތިނަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އެމްއާރުޑީސީއާ ހަވާލުކޮށްފި


ގދ. ތިނަދޫގައި އިސްލާމީ މަރުކަޒް އެޅުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފިއެވެ.ތިނަދޫގައި އަޅާ އިސްލާމީ މަރުކަޒަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން އަޅާ އިމާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މައުމާލޫމާތުދެއްވައެވެ. މި މަޝްރޫއަށް 34.4 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށި 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.މިރަސްމިއްޔާތުގައި ސައުދީ އެންބަސީ ހިންގެވުމާއި ހަވާލުވެހުންނެވި ސައުދީ ސަފީރުގެ ނާއިބް ތާރިޤް ފާއިޒް ވިދާޅުވީ، މި މަޝްރޫޢުއަކީ ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދަވާ މަޝްރޫޢުއެއް ކަމަށާއި މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި 3 މިސްކިތެއް އެޅިގެންދާނެކަމަށެވެ.ތިނަދޫގައި އަޅާ އިސްލާމީ މަރުކަޒްގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި 1000 މީހުންގެ ޖާގައިގެ ނަމާދުކުރާ ހޯލަކާއި 500 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 30 މީހުންގެ ޖާގައިގެ 4 ކްލާސްރޫމް ހިމެނެއެވެ. މީގެއިތުރުން އިސްލާމިކް ލައިބްރަރީއަކާއި ވުޟޫ ކުރާތަނެއްގެ އިތުރުން އޮފީހެއްވެސް މި އިމާރާތުގައި ހިމެނޭނެއެވެ. އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އިސްލާމީ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދެވެ. އަދި މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެސިންޓެންޓް މެނޭޖިންގ ޑިރެކްޓަރ ރިފާއު ބުޝްރީއެވެ.