ޚަބަރު

އަންދާޒާއަށްވުރެ ބާރަށް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާތީ ރާއްޖޭގެ އިޤްތިޞާދީ ދުވެލިވެސް ހަލުވިވެއްޖެ


އަންދާޒާއަށްވުރެ ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުން އައުމާއެކު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ހުންނާނެކަމަށް ލަފާކުރާ މިންވަރު ވޯލްޑް ބޭންކުން މަތިކޮށްފިއެވެ.

ވޯލްޑް ބެންކުން ނެރެފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ)ގައި ބުނެފައިވަނީ 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 12.4 އިންސައްތައިގައި ކަމަށެވެ. މިއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށް ވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ. އޭގެ ސަބަބަކީ ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވަމުންއައުމެވެ. ޖީޑީޕީ ކުރިއަރާ މިންވަރު 2023-24 ގެ މުއްދަތުގައި އެވްރެޖްކޮށް 8.1 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމުން އިގްތިސޯދީ ހަރަކާތްތަކަށް އެހީތެރިވެދޭނެކަމަށް ބެލެވޭތީކަމަށް ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުން އައުމާ ގުޅިގެން އިގްތިސާދު ރަނގަޅުވަމުން އަންނައިރު، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ވޯލްޑް ބެންކުން ވަނީ ލަފާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، ޖުމްލަ ގޮތެއްގައި މާލީ ބުރަ ކުޑަކުރުމަށް، މިހާރަށް ވުރެ ރަނގަޅު، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ލަފާ ދީފައިވެއެވެ.

ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކީ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭ މާނަވީ ފިޔަވަޅެއް ކަމަށް ވިޔަސް، ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ބުރަ ކުޑަކުރުމާއި މުދަލާއި ހިދުމަތްތަކަކަށް ސަބްސިޑީ ދޭ އިންތިޒާމުތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަކީ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައްކަމަށެވެ.

"އިގްތިސާދާއި މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ދަރަނި މެނޭޖްކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައް،" ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

އެމްޑީޔޫގެ ހާއްސަ ސެކްޝަން، 'ޓުވާޑްސް ރެސިލިއަންޓް އެންޑް އެފޯޑަބަލް ހައުސިން'ގައި، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި ޕްރޮގްރާމްތަކުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓުގައި ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރަށް، ވިޔަފާރީގެ ދަތިތަކާއި ސަރަހައްދުގައި ކާނާގެ ޔަގީންކަން ނެތުމުގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ދަށަށް ދިއުމުގެ ކުރިން 9.2 އިންސައްތައަށް އަރާނެކަމަށް ވަނީީ ލަފާކޮށްފައެވެ. އޭގެ ސަބަބުން އަސްލު އާމްދަނީއަށް އަންނަ ލޮޅުންތައް ވަރަށް ބޮޑުވާ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.