ކުޅިވަރު

ފޯ ސީޒަންސް ބަލިކޮށް ބަނޑޮހުން ޗެމްޕިއަންސް ލީގުގެ ތަށިވެސް މިލްކުކޮށްފި


ސީދާ ތިން ސެޓުން ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް އެޓް ކުޑަ ހުރާ ބަލިކޮށް ބަނޑޮސް މޯލްޑިިވްސްއިން ގޯލްޑަން އިޔާ އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގު 2022 ގެ ތަށިވެސް މިލްކުކޮށްފިއެވެ.

ބަނޑޮހުން ވަނީ މިދިޔަ ހުކުރު ދުވަހު ކުޅުނު އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތު ޒޯން އެކެއްގެ ފައިނަލުގައިވެސް ފޯ ސީޒަންސް ބަލިކޮށްފައެވެ. އެ މެޗު ބަނޑޮހުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

އަދި ބުރާސްފަތި ދުވަހު ހަވީރު ބަނޑޮހުގައި ކުޅުނު ރިސޯޓް ޗެމްޕިއަންސް ލީގުގެ ފައިނަލް އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ތިން ސެޓުގައިވެސް ފޯ ސީޒަންސް ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ސެޓު ބަނޑޮހުން 25-14 އިން ކާމިޔާބުކުރި، ދެވަނަ ސެޓުގެ ކުރީކޮޅު ފޯ ސީޒަންސްއިން ވަނީ ރަނގަޅު ފައިޓެއްކޮށް ބަނޑޮހާ ދެ ޕޮއިންޓަށް ކައިރިވެސް ކޮށްފައެވެ. އެކަމަކު ސެޓުގެ ވަކި ހިސާބަކުން ފޯ ސީޒަންސްއަށް މައްސަލަތަކާ ދިމާވީ އެ ޓީމުގެ ފާޒިލަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. އެއާއެކު މި ސެޓު ބަނޑޮހުން ގެންދިޔައީ 25-17 އިންނެވެ.

އަދި ތިންވަނަ ސެޓުގައި ފޯ ސީޒަންސްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، މި ސެޓު ބަނޑޮހުން ވަނީ ފަސޭހަކަމާއެކު 25-10 އިން ކާމިޔާބުކޮށްފައެވެ. މުޅި މެޗަށްބަލާއިރު ބަނޑޮހުން ވަނީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އިޝާން އިބްރާހީމް (ބަޓިސް) އާއި، އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އަދި ހުޒާމް އަލީ (ހުޒަންޓޭ) ގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފައެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ބަނޑޮހުގެ ކޯޗު މުޙައްމަދު ސާޖިދު (ބޮޑުކާއްޓޭ) ބުނީ މިއީ ބަނޑޮހަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި ފައިނަލް މެޗު ދިޔައީ ހީކުރި ގޮތާއި ޚިލާފަށް ކަމަށާއި، މުޅި މެޗަށް ބަލާއިރު ފެނިގެންދިޔައީ ބަނޑޮހުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފުނުތަން ކަމަށްވެސް ބުންޏެވެ.

ބަނޑޮހުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބަޓިސް ބުނީ އަނިޔާގައި ހުރެގެންވެސް މި މެޗުގައި ދެއްކުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ބަނޑޮހުން ކޮންމެ މުބާރާތަކަށްވެސް ނުކުންނަނީ ތަށި ހޯދުމަށް ކަމަށާއި، މިއީ މެނޭޖުމަންޓާއި ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށް ބަޓިސް ބުންޏެވެ.

ބަނޑޮހުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދިއިރު، އެ ޓީމުން މީގެ ކުރީ ދެ ފަަހަރު ފައިނަލުގައި މޮޅުވީ ވަން އެންޑް އޮންލީ ރީތި ރަށާއި ގްރޭންޑް ޕާކް ކޮއްދިއްޕަރު ބަލިކުރުމަށްފަހުއެވެ.