ޚަބަރު

އިންތިގާލީ އިންސާފުގެ އޮފީހުގެ މުއްދަތު އިތުރުކޮށްފި


ފާއިތުވެދިޔަ 65 އަހަރު ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ މައްސަލަތަކުގެ އިންސާފު ހޯދުމަށް އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެއްލެވުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. އެތަން އުފެއްދީ 2020 ވަނަ އަހަރުގެ ތެރޭގައި ދެ އަހަރުގެ މުއްދަތަކަށެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ. މިހާރު އެ އޮފީސް އުފައްދާފައިވާ މުއްދަތު ހަމަވާން ގާތްވެފައިވާއިރު، އަދިވެސް އެ އޮފީހަށް ހުށަހެޅި ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ. ނަމަވެސް އެ އޮފީހުގެ މުއްދަތުގެ ތެރޭގައި މައްސަލަތަކަށް އިންސާފު ހޯދައިދޭނެކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވެއެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު އިތުރުކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެ މުއްދަތު ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

65 އަހަރުގެ ދިގު މުއްދަތެއްގައި ހިނގފައިވާ ކަންކަން ބެލުމަށް އުފެއްދި މި އޮފީހަށް ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ. މާލީ ބަދަލުގެގޮތުގައި ބަލަނީ މީހާގެ ވަޒީފާއަށް ނުވަތަ ދެވިފައިވާ އަނިޔާއަކާއި ގުޅިގެން ސިއްޙީ ގޮތުން ކުރަންޖެހުނު ޚަރަދުތަކާއި އެނޫން ޚަރަދުތަކުގެ ބަދަލު ނަގައި ދިނުމަށެވެ.

މިދިޔަ އަހަރު ތެރޭގައި އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 488 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެ ތެރެއިން 452 މައްސަލައެއް ވަނީ ބަލައި ގަތުމަށް ނިންމާފައެވެ. އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 7 މައްސަލައަކީ ފުޅާ ދާއިރާއެއްގައި ތަޙްޤީޤްކުރުމަށް ނިންމާފައިވާ މައްސަލަތައްކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން އަމަލުކުރާ ގާނޫނުގައިވާގޮތުން އިންތިޤާލީ އޮފީހުން ތަހުޤީގުކޮށް ނިންމާ ޕީޖީ އޮފީހާއި އޭޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި އެ އިދާރާތަކުން 21 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ ކޯޓަށް ފޮނުވަންޖެހޭނެއެވެ. އަދި ކޯޓަކަށް މައްސަލަ ހުށައަޅައިފިނަމަ އެންމެ ގިނަ ވެގެން އެއް މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ނިންމަންޖެހޭނެކަމަށްވެސް ޤާނޫނުގައިވެއެވެ.