ދުނިޔެ

ހަމަނުޖެހުމުގެ ސަބަބުން ޙަލަބަށް އެހީ ފޯރުކޮށްދޭން ދަތިވާނެ- އދ


ސޫރިޔާގެ އެލެޕޯގައި މިހާރު ކުރިޔަށްދާ ހަމަނުޖެހުންތަކުގެ ސަބަބުން އެސަރަހައްދުގައި ތިބި ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅިދާނޭކަމަށް އދ.އިން ބުނެފިއެވެ. އެލެޕޯގައި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތައް އަތުލައިގަތުމަށް ސޫރިޔާގެ ސަރުކާރުންދަނީ، ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އދ.އިން ބުނާ ގޮތުގައި އެލެޕޯގެ ބައެއް ސަރަހައްދުތަކުގައި ސަރުކާރުން ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން މިސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި 300 ހާހެއްހާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅޭނޭކަމަށެވެ. ނަމަވެސް ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންގެ މަޝްވަރާ، އެއްބާރުލުން ލިބިއްޖެނަމަ ހާލުގައި ޖެހިފައިތިބި ފަރާތްތަކަށް މެދުނުކެނޑި އެހީ ފޯރުކޮށްދެވޭނެކަމަށް އދއިން ބުނެއެވެ. އަދި ސަރުކާރުން އަސްކަރީ އޮޕަރޭޝަނައިގެން ކުރިޔަށްދާނަމަ އެލެޕޯގެ ބައެއް ސަރަހައްދުތަކުގައި ތިބި 100އާއި 150 ހާހެއްހާ ރައްޔިތުން ގެދޮރު ދޫކޮށް އެހެން ސަރަހައްދުތައް ދަތުރުކުރާނޭކަމަށް މިސަރަހައްދުތަކުގެ ލޯކަލް ކައުންސިލްތަކުން މައުލޫމާތުދެއެވެ. ސޫރިޔާގެ ސަރުކާރުން ރަޝިޔާގެ ވައިގެ އެހީއެކު ހިންގާ މިއޮޕަރޭޝަންގެ ސަބަބުން އެލެޕޯގެ އެކި ސަރަޙައްދުތަކުން ދުއިސައްތަހާހެއްހާ މީހުން ވަނީ ގެދޮރުދޫކޮށް އަވަށްޓެރި ތުރުކީވިލާތުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ޖަމާވެފައެވެ.