ޚަބަރު

ހަފްތާ ބަންދުގައި ނައިބު ރައީސް ރ.އަތޮޅަށް


މި ހަފްތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރ. އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވަން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ނައިބު ރައީސް ވަޑައިގަންނަވަނީ އެ އަތޮޅުގެ 6 ރަށަކަށް ކަމަށެވެ. އެއީ އިނގުރައިދޫ، ވަންދޫ، ދުވާފަރު، މާރުކަރު އަދި އިންނަމާދޫ އާއި އުނގޫފާރެވެ.

މި ދަތުރުފުޅުގެ ތަފްސީލް ހިއްސާކުރައްވަމުން މިއުވާން ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މީގެއިތުރަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި، އުނގޫފާރު ހޮސްޕިޓަލަށް ޒިޔާރާތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް މި ދަތުރުފުޅުގައި ރ.ދުވާފަރުގައި ބާއްވާ ޓޫރިޒަމް އެކްސްޕޯގެ އިނާމުދިނުމުގެ ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅު ފައްޓަވަނީ ހޮނިހިރު ދުވަހުއެވެ. މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.