ޚަބަރު

އައްޑޫގައި ހިނގި އެކްސިޑެންޓުގައި ހާލުދެރަވި މީހާ ނިޔާވެއްޖެ


މިމަހުގެ 2 ވަނަ ދުވަހު އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ދެރަވި މީހާ މަރުވެއްޖެއެވެ.

މި މަހުގެ 2 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން ހާލު ސީރިއަސް ވީ ސ. ހިތަދޫ ދުންނިކަގެ، އުމުރުން 62 އަހަރުގެ އިބްރާހިމް ހުސައިންއަށެވެ. އެމީހާއަށް ފަރުވާ ދިނީ އައިސޫޔޫގައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވީ ރޭ 12:30 ހާއިރުއެވެ.

މި އެކްސިޑެންޓުގައި އޭނާގެ ބޮލާއި މޫނު މަތީގެ ބައެއް ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. މި އަނިޔާތަކަށް އެންމެ ފުރަތަމަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫއިން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައިނަމަވެސް، އުއްމީދު ކަނޑާލާފައިވާތީ އާއިލާއިން ވަނީ އޭނާ އަނބުރާ އައްޑޫއަށް ގެންގޮސްފައެވެ. އޭނާ މަރުވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އޮތްވައެވެ.

އައްޑޫ ސިޓީ ހިތަދޫ ލިންކު ރޯޑުގައި މި އެކްސިޑެންޓު ހިނގީ ދެ ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ބުނިގޮތުގައި ދެ ސައިކަލު ދުއްވަން ވެސް ތިބީ ލައިސަންސް އޮތް ދެމީހުންނެވެ.