ރިޕޯޓް

ދަތުރު ދެބައިވިއިރު، ގައްބެ އަޖައިބުވެފައި


ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމަށް އަބުދުލްޣަފޫރު އަލީ، ގައްބެ ފަށާފައިވާ ދަތުރު މިހާރުވަނީ ދެބައިވެފައެވެ. ދެކުނުގެ އަތޮޅުތަކަށް ދަތުރުކޮށް ނިމުނީއެވެ. ދަތުރު ދެބައިވިއިރު ގައްބެ ހުރީ ހައިރާންވެފައެވެ. އަޖައިބުވެފައެވެ. ބުނާނެ އެއްޗެއް ނޭންގިފައެވެ.އަބުދުލްޣަފޫރު އަލީ އަޖައިބުވާންވީ ކޮންކަމަކާހެއްޔެވެ؟ ހައިރާންވާންޖެހޭ ސަބަބެއް އެބައޮތްހެއްޔެވެ؟ ބަސް ހުއްޓޭވަރުވެއްޖެ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެއީ ކޮންކަމަކާހެއްޔެވެ؟" ރާއްޖެއަކީ ހާދަރީތި ތަނެކޭ. ބުނާނެއެއްޗެއްވެސް ނޭންގޭ. ކޮންމެ ރަށަކީ ތަފާތުކަމެއް އޮތް ރީތި ރަށެއް. ކޮންމެ ރަށެއް ހަމަ ވަރަށް، ވަރަށް ތަފާތު. ވަރަށް ރީތި. އަހަރެމެން ދިވެހިންނަކީ ކިހާ ނަސީބުގަދަ ބައެއް ؟ " ގައްބެ ސުވާލުކުރިއެވެ.ރާއްޖޭގެ ދެކުނުގެ ބިންބޮޑު ބޮޑަތި އަތޮޅުތައް ކަޑައްތުކޮށް ގައްބެ މިހާރު ހުރީ އައްޑޫ ސިޓީގައެވެ. އިއްޔެ ހަވީރު އައްޑޫސިޓީއަށް ދިޔައިރު، ގައްބެ ހުރީ ހަޤީޤަތުގައިވެސް އުފަލުން ބަސްހުއްޓިފައެވެ. އެއީ ހަމައެކަނި ރާއްޖޭގެ ރީތިކަން ފެނިފައެއްނޫނެވެ. " ކޮންމެ ރަށަކުން ފެންނަނީ ދިވެހިންގެ އެއްބައިވަންތަކަން. އެކުވެރިކަން. ދިވެހިންނަކީ ހަމަ ވަރަށް ހިތްހެޔޮބައެއް. ކޮންމެ ރަށަކުންވެސް ވަރަށް ފުރިހަމަ މެހްމާންދާރީއެއް ލިބެނީ. ވަރަށް ބޮޑު ސަޕޯޓެއްލިބެނީ. " އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ޒިޔާރަތްކުރުމުގެ ދަތުރުމަތީގައިހުރެ ގައްބެ ބުންޏެވެ.ރީތިކަމާއި، މެހްމާންދާރީގެ ފުރިހަމަކަމާއި، ހިތްހެޔޮކަމުގައި ވަކިރަށެއް ތަފާތުނޫންކަމަށް ގައްބެ ބުންޏެވެ. އޭނާ ބުނީ ކޮންމެ ރަށަކުންވެސް ފެންނަނީ އުފާވެރި މަންޒަރުތަކެއްކަމަށެވެ. މިދަތުރުގައި އޭނާ މިހާތަނަށް ދަތުރުކުރި ކޮންމެ ރަށަކީވެސް މުޅިން އަލަށް ދިޔަ ރަށެކެވެ." ލ.އަތޮޅަށްވެސް މިދިޔައީ މުޅިން އަލަށް. ފުވައްމުލަކަށްވެސް އަލަށް. އައްޑޫ ސިޓީއަށް އައި މިއީ ފުރަތަމަ ފަހަރު. ކޮންމެ ރަށެއްވެސް ހަމަ ވަރަށް ވަރަށް ރީތި. ވަރަށް ޔުނީކް. ކޮންމެ ރަށަކުންވެސް ފެންނަނީ އެއްބައިވަންތަކަން. އެއީ މިދަތުރު ފުރިހަމަކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. " ގައްބެ ބުންޏެވެ.އިއްޔެ އައްޑޫ ސިޓީއަށް ދިޔަ ގައްބެ މިރޭވެސް މަޑުކުރާނީ އައްޑޫ ސިޓީގައެވެ. ދަތުރުގައި ދެން އޮތީ އުތުރަށް މިސްރާބުޖެހުމެވެ. އުތުރަށް ކުރާ ދަތުރުގައި އައްޑޫ ސިޓީން ފުރަތަމަ ދާނީ ގދ.ފިޔޯރީއަށެވެ. މާދަމާ ހެނދުނު ފިޔޯރީއަށް ދިއުމަށް ފުރާނެއެވެ. އަދި އޭގެފަހުން އެއަތޮޅު ތިނަދޫއަށްވެސް ދާނެއެވެ.އުތުރުގެ ކަނޑުތަކަށް ނިކުންނައިރު އޭނާއަށް އޮތް ހިތްހަމަ ޖެހުމަކީ ދެކުނުގެ އަދި ރާއްޖޭގެވެސް އެންމެ ބޮޑު ކަނޑުކަމަށްވާ ހުވަދު ކަނޑު ހުރަސްކުރެވިފައިވުމެވެ. ދިހަގަޑިއިރުން އެކަނޑު ހުރަސްކުރެވިފައިވާތީ ދަތުރުގެ ދެވަނަ ބަޔަށް ގައްބެއް ހުރީ ކުރިއަށްވުރެވެސް ބޮޑު ޔަޤީންކަމަކާއި ހިތްވަރަކާއެކުގައެވެ.ދިގުދަތުރުތަކަށްފަހު ލިބޭ ވަރުބަލިކަން އިސާހިތަކު ފިލައިގެން ދަނީ އަރާ ކޮންމެ ރަށަކުން ކިޔާ ހޫނު މަރުހަބާއިންކަމަށް ގައްބެ ބުންޏެވެ. ގައްބެއަށް ކިޔާ ހޫނުމަރުހަބާގެ ހެއްކަކީ މޮޓޯކޭޑްގައި ދަތުރުކުރުމުގެ ފުރުޞަތު ލިބުމެވެ. އެމްބިއުލެންސާއި، ޞީއްޙީ އެހީތެރިން ތައްޔާރަށް ތިބުމެވެ. ޤައުމީ ދިދަ ޖަހައި ޒީނަތްތެރިކޮށްފައި އޮތުމެވެ. ރަށްތަކުގެ ކުދިބޮޑު ގިނަ ބަޔަކު މަރުހަބާކިޔުމަށް ނިކުތުމެވެ. ސިޔާސީ ފިކުރު އެއްކޮބާކޮށް، ރައްޔިތުންނާއި، ކައުންސިލްތަކުންވެސް ގައްބެއަށް މަރުހަބާކިއުމެވެ.ގައްބެގެ މިދަތުރަކީ ވިޒިޓް މޯލްޑިވްސް 2016 އާއި ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަޤްޞަދު ހިމެނޭގޮތަށް ކުރާ ދަތުރެކެވެ. އެމަޤްޞަދު ފުރިހަމައަށް ހާޞިލްވަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.