މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކޮޅަށް ނުވަ ލަނޑު ޖަހައިފިއެވެ.
ބުދަ ދުވަހުގެރޭ ސައުދީގެ ދަންމާމު ސިޓީގެ ޕްރިން ސައުދު ބިން ޖަލާވީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގެ 22 ވަނަ މިނެޓުގައި ސައުދީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަލާލް އަބޫބަކުރު ހާޖީއެވެ. އޭގެ ހަތް މިނެޓު ފަހުން ނަވާފް ބަދުރް އަލް ޖަންނާހީ ވަނީ އިތުރު ލަނޑެއް ޖަހައި ސައުދީއަށް ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި ތަލާލް ވަނީ ސައުދީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ތަލާލް ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ސައުދީން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 55 ވަނަ މިނެޓުގައި ތަލާލް ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި ޖަތުބް މިސްލަތު އަލްދާފިރީ ސައުދީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ސައުދީގެ ހަތްވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޒިޔާދެވެ.
އަދި މެޗުގެ 80 ވަނަ މިނެޓުގައި ސައުދީގެ އަށްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ނަވާފް ފަރީދެވެ. ދެން މި މެޗުގައި ސައުދީން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ނަވާފް ބަދުރު އަލް ޖަންނާހީއެވެ.
މި މެޗުން ރާއްޖެ ބަލިވިއިރު، ކޮލިފައިން ގްރޫޕް ޑީގައި ރާއްޖޭން މިހާތަނަށް މި ވަނީ ތިން މެޗު ކުޅެފައެވެ. އެގޮތުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ކުވައިތު އަތުން ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.