ޚަބަރު

އެމެރިކާއިން ޔޫކްރެއިނަށް 625 މިލިޔަން ޑޮލަރުގެ އަސްކަރީ އެހީ


625 މިލިޔަން ޑޮލަރުގެ އަސްކަރީ އެހީ ޔޫކްރެއިނަށް ފޮނުވާނެ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި ވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ވާހަކަފުޅު ދައްކަވަމުން ކަމުގައި ވައިޓް ހައުސްއިން ބުނެއެވެ.

ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ އަސްކަރީ އެހީގެ ތެރޭގައި ހިމެނެނީ ބަރުހަތިޔާރާއި، އެ ފަދަ ހަތިޔާރުގައި ބޭނުން ކުރާ ވަޒަން ކަމުގައެވެ. މީގެ ތެރޭގައި ދުރު ރާސްތާ ރޮކެޓް ސިސްޓަމް ކަމުގައިވާ ހައިމާސް ހިމެނޭނެ ކަމުގައި އެމެރިކާއިން ބުނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ 24 ވަނަ ދުވަހުއެވެ. އަދި، އެ ޤައުމުގެ އުތުރާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ރަޝިޔާގެ ފައުޖުތަކުން ވަނީ އަތްގަދަ ކޮށްފައެވެ. ނަމަވެސް، ޔޫކްރެއިނުގެ ސިފައިން މިހާރު ދަނީ އެ ސަރަޙައްދުތައް މިނިވަން ކުރަމުންނެވެ. އަދި، މި މަސައްކަތުގައި ބޭނުން ކުރާ އެންމެ ބާރުގަދަ ހަތިޔާރުތަކުގެ ތެރޭގައި އެމެރިކާއިން ފޮނުވާފައިވާ 16 ހައިމާސް ރޮކެޓް ސިސްޓަމް ހިމެނެއެވެ.

ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމި އޮންނާނެ ކަމުގައި ބައިޑަން ވިދާޅުވިއެވެ. އަދި، ޔޫކްރެއިނުގެ ހަތަރު ސަރަޙައްދެއް އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ރަޝިޔާއިން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމުގައި ވެސް ބައިޑަން ވިދާޅުވެފައިވާ ކަމުގައި ވައިޓް ހައުސްއިން ބުނެއެވެ.

ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން ނިންމާފައިވާ ހަތިޔާރުގެ ޕެކޭޖުގައި ހިމެނޭ ބައެއް ތަކެތީގެ ތެރޭގައި ހަތަރު ހައިމާސް ސިސްޓަމާއި، 155 މިލިމީޓަރުގެ 16 ހޮވިޓްޒަރ ބަޑިއާއި، 105 މިލިމީޓަރުގެ 16 ހޮވިޓްޒަރ ބަޑި ހިމެނެއެވެ. މީގެ އިތުރުން، 200 އަސްކަރީ އުޅަނދު ވެސް ހިމެނެއެވެ. ޔޫކްރެއިން-ރަޝިޔާ ހަނގުރާމަ ފެށި ފަހުން އެމެރިކާއިން ޔޫކްރެއިނަށް މިހާތަނަށް ފޮނުވާފައިވާ އަސްކަރީ އެހީގެ އަގު 16.8 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.