އުތުރު ކޮރެޔާއަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެޔާއާއި އެމެރިކާ ގުޅިގެން މިސައިލް ޓެސްޓުތަކެއް ހަދައިފިއެވެ. ދެ ޤައުމު ގުޅިގެން މިސައިލް ޓެސްޓުތަކެއް ހަދާފައި މި ވަނީ އުތުރު ކޮރެޔާއިން މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ޓެސްޓު ކުރުމާ ގުޅިގެންނެވެ. އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ވަނީ އަސްކަރީ މަތިންދާބޯޓުތަކުގެ ތަމްރީނުތަކެއް ވެސް ހަދާފައެވެ.
އުތުރު ކޮރެޔާއިން އުދުއްސައިލި މިސައިލް ޖަޕާނުގެ މަތިން ދަތުރު ކުރުމަށް ފަހު ވެއްޓުނީ ޕެސިފިކް ކަނޑުގެ ސަރަޙައްދަށެވެ. މިއީ، އުތުރު ކޮރެޔާއިން މިހާ ދުރު ރާސްތާއަކަށް ދަތުރުކުރާ މިސައިލެއް ޓެސްޓު ކުރި ފުރަތަމަ ފަހަރެވެ. މި ހާދިސާއާ ގުޅިގެން އުތުރު ކޮރެޔާއާ މެދު އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ދަނީ ތައްޔާރު ވަމުންނެވެ.
އުތުރު ކޮރެޔާގެ މިސައިލް ޖަޕާނުގެ ވައިގެ ސަރަޙައްދަށް ވަނުމާ އެކު، އެ ޤައުމުގެ އަސްކަރިއްޔާ ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ޤައުމުގެ ރައްޔިތުންނަށް ވަނީ އަމުރު ކޮށްފައެވެ. އުތުރު ކޮރެޔާއިން އެންމެ ފަހުން މި ފަދަ ގޮތަކަށް ޖަޕާނުގެ މަތިން މިސައިލެއް ފޮނުވައިލާފައި ވަނީ މީގެ ފަސް އަހަރު ކުރިންނެވެ.
އުތުރު ކޮރެޔާއަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެޔާއާއި އެމެރިކާއިން ވެސް މިސައިލްތަކެއް ފޮނުވައިލާފައި ވަނީ ކަނޑުގެ ސަރަޙައްދަށެވެ. މީގެ ތެރެއިން އެއް މިސައިލް ދެކުނު ކޮރެޔާގެ އަސްކަރީ މަރުކަޒެއްގެ ތެރެއަށް ވެއްޓި އަލިފާން ރޯވިއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް ގޮވުމެއް ގޮވާފައި ނުވާ ކަމަށާއި، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ދެކުނު ކޮރެޔާއިން ބުނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ވެސް ވަނީ އުތުރު ކޮރެޔާގެ އަމަލުތައް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކޮށްފައެވެ. އުތުރު ކޮރެޔާގެ އަމަލުތަކަކީ ވަރަށް ޒިންމާދާރު ކަން ކުޑަ އަމަލުތަކެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދުން ވެސް ވަނީ ސިފަ ކޮށްފައެވެ. އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ، އުތުރު ކޮރެޔާއިން އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކާ ޚިލާފުވެފައިވާ ކަމުގައެވެ.
އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވަނީ އުތުރު ކޮރެޔާގެ އަމަލުތަކާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި، ދެކުނު ކޮރެޔާގައި ހަރަކާތްތެރިވާ އެ ޤައުމުގެ ސިފައިންނާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރެއް ކަމުގައިވާ ޔޫ.އެސް.އެސް. ރޮނަލްޑް ރޭގަން މިހާރު އޮތީ ދެ ކޮރެޔާއާއި ޖަޕާން ގުޅޭ ކަނޑުގެ ސަރަޙައްދުގައެވެ. އުތުރު ކޮރެޔާއިން މިސައިލް ޓެސްޓު ހެދި ވަގުތު އެ އުޅަނދު އޮތީ ދެކުނު ކޮރެޔާގައި ބަނދަރުކޮށްފައެވެ.
އުތުރު ކޮރެޔާގެ މިސައިލް ޓެސްޓާ ގުޅިގެން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އ.ދ.ގެ ސަލާމަތީ މަޖިލީހުން ބާއްވަން މަސައްކަތް ކުރާ ބައްދަލުވުމަށް ޗައިނާއާއި ރަޝިޔާއިން ދަނީ ދެކޮޅު ހަދަމުންނެވެ. އެއީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރޭގައި ހިމެނޭ ދެ ޤައުމެވެ. ސަލާމަތީ މަޖިލީހުން އަމަލު ކުރަން ޖެހޭނީ ކޮރެޔާ ސަރަޙައްދުގެ ޞުލްހަމަސަލަސް ކަން ދެމެހެއްޓުމަށް ކަމުގައި އެ ދެ ޤައުމުން ބުނެއެވެ.
އުތުރު ކޮރެޔާއިން ޖަޕާނުގެ މަތިން ފޮނުވައިލި ބެލިސްޓިކް މިސައިލް 4,600 ކިލޯމީޓަރުގެ ސަރަޙައްދަކަށް ދަތުރު ކުރިއެވެ. އެ ޤައުމުން އެންމެ ފަހުން މި ފަދަ ގޮތަކަށް ޖަޕާނުގެ މަތިން މިސައިލެއް ފޮނުވައިލާފައި ވަނީ 2017 ވަނަ އަހަރުއެވެ. މިސައިލް ޓެސްޓާ ގުޅިގެން އުތުރު ކޮރެޔާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އުތުރު ކޮރެޔާއިން ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ދެކުނު ކޮރެޔާއާއި އެމެރިކާއިން ތުހުމަތު ކުރެއެވެ. އެ ޤައުމުން އެންމެ ފަހުން ނިއުކްލިޔަރ ޓެސްޓެއް ހަދާފައި ވަނީ 2017 ވަނަ އަހަރުއެވެ. އުތުރު ކޮރެޔާއިން އެންމެ ފަހުން ހެދި މިސައިލް ޓެސްޓާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް-ޔޮލް ވަނީ އިންޒާރު ދެއްވާފައެވެ.