ޚަބަރު

ޖޭއެސްސީގެ އޮޑިޓް ރަނގަޅު، އެޗްއާރްސީއެމްއާއި ރައްޔިތުންގެ މަޖިލީހުގެ އޮޑިޓް ރިޕޯޓުގައި މައްސަލަ


ޖުޑީޝަލް ސަރވިސް ކޮމިޝަނުން 2020ވަނަ އަހަރުގެ މާލީ ޚަރަދުތައްކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ޙުސެއިން ނިޔާޒީ ސޮއިކުރައްވައި، ނެރުއްވި ޖޭއެސްސީގެ 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ އިތުރުން އެޗްއާރްސީއެމްގެ 2021ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ރައްޔިތުންގެ މަޖިލީހުގެ 2020ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުވަނީ ޢާއްމުކުރައްވާފައެވެ.

އޮޑިޓަރ ޖެނެރަލް ޢާއްމުކުރައްވާފައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަނުން 2020ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވިދާޅުވީ އެކޮމިޝަނުން އެއަހަރުގެ މާލީކަންކަން އިންތިޒާމުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ފާސްކޮށްދީފައިވާ ބަޖެޓުގެ މަޤްސަދުތައް ޙާސިލުވާގޮތަށްކަމަށެވެ. އަދި އެބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، މާލިއްޔަތު ގަވާއިދާއި އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

އެޗްއާރްސީއެމްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު

އޮޑިޓަރ ޖެނެރަލްވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 2021ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުވެސް ޢާއްމުކޮށްފައެވެ. މިރިޕޯޓުގައިވަނީ އެޗްއާރްސީއެމްއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާޢިދާއެއްގޮތަށް ޢަމަލުކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 2013ވަނަ އަހަރު އެޗްއާރްސީއެމްގެ މުވައްޒަފަކު ސްކޯލަރޝިޕް ފުރުސަތެއްގައި މާސްޓަރސްއަށް ކިޔެވުމަށް ދިން ފުރުސަތުގައި ކިޔެވުން ފުރިހަމަނުކޮށްވަނީ މާލެ އައިސްފައެވެ. މިގޮތަށް ޢަމަލުކޮށްފިނަމަ ސްކޯލަރޝިޕް ދިނުމުގައި އެއްބަސްވެފައިވާގޮތަށް ކިޔެވުމުގެ އެހައިތަނަށް ހިނގަފައިވާ ޚަރަދު އެޗްއާރްސީއެމްއަށް ކަނޑައެޅޭ އުސޫލަކުން އަނބުރާ ދައްކަން ޖެހޭނެކަމަށް އެއްބަސްވެފައިވީނަމަވެސް އެފައިސާ އަނބުރާ ދައްކާފައެއްނުވެއެވެ.

ކޯހުގެ ޚަރަދަށްވާ ހަތަރު ލައްކަ ތިރީސްހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ދޭން އޭނާ އުޒުރުވެފައިވާއިރު އެފައިސާ މާފުކޮށްދިނުމަށް އޭނާވަނީ އެޗްއާރްސީއެމްގައި އެދިފައެވެ. އެހެންނަމަވެސް ފައިސާ މާފުކުރެވެން ނެތްކަމަށާއި ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރުމަށް ކޮމިޝަނުން އެދުމުން، އެހެންވެސް ފައިސާ ދެއްކެން ނެތްކަމަށް އޭނާ 2017ވަނަ އަހަރު ބުނެފައިވާއިރު މިފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގައި ބުނާގޮތަށް، މިވޭތުވެދިޔަ ތަނުގައި އެޗްއާރްސީއެމުން އިތުރު މަސައްކަތެއް ނުކުރާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 2020ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓު

ރައްޔިތުންގެ މަޖިލީހުގެ 2020ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވެސް ވަނީ ގިނަ މައްސަލަތަކެއް ފާހަގަކޮށް އިސްލާޙުކުރުމަށް ލަފާދެއްވާފައެވެ. އެގޮތުން މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހަރުމުދަލުގެ ރަޖިސްޓްރީ ތައްޔާރުކޮށް ބަލަހައްޓަމުން ނުދާކަން އޮޑިޓަށްވަނީ ފާހަގަވެފައެވެ. މީގެއިތުރުން މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓްގެ ކަމެއް ކުރަންފެށުމުގެ ކުރިން އެކަމަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތުގެ ތަފްސީލުކޮށް ހިމެނޭ ބީއޯކިޔު ތައްޔާރުކުރަން އަންގާފައިވީނަމަވެސް މަޖިލީހުގެ ޢިމާރާތުގައި ކުރަންހުރި ބޮޑެތި މަރާމާތުތައްކުރުމަށް، ނުވަ މިލިއަން ނުވަ ލައްކަ ރުފިޔާއަށް ބަޔަކާ ޙަވާލުކުރިއިރު މިލިޔުން ތައްޔާރުކޮށްފައި ނުވާކަމަށް އޮޑިޓްގައިވަނީ ފާހަގަކޮށްފައެވެ. އަދި މިމަސައްކަތް ޙަވާލުކޮށްފައިވަނީ ވާދަވެރި މާޙައުލެއްގައި ބިޑްކޮށްގެން ނޫންކަމުން މިއީ މިމަސައްކަތް ކުރުމަށް ހިނގާނެ އެކަށީގެންވާ އަގުކަން އޮޑިޓަށް ކަށަވަރުވެފައި ނުވާކަންވެސްވަނީ ފާހަގަކޮށްފައެވެ. އަދި މިފައިސާ އަނބުރާ ދެއްކުމަށް މާލިއްޔަތު ގަވާއިދުގައި ރިޓެންޝަން ފައިސާ ދޭން ކަނޑައަޅާފައިވާ މާއްދާއާ ޚިލާފަށް 12 މަސްވުމުގެ ކުރިން 6 މަސް ދުވަހުގެ ތެރޭގައި އަނބުރާދީފައިވާކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުންވަނީ ރައްޔިތުންގެ މަޖިލީހުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކުރަންޖެހޭ ބައެއް ޚަރަދުތައް ރިކަރެންޓް ބަޖެޓްގެ ކޯޑުކޮށްފައިވާކަންވަނީ ހާމަވެފައެވެ. މިގޮތަށް ތިންލައްކަ އެކާވީސް ހާހަށްވުރެ ގިނަ ރުފިޔާ ނުބައި ކޯޑުގައި ހުރުމުން ދައުލަތުގެ ހިސާބު ބަލަހައްޓާ ސެޕް ސިސްޓަމުންވެސް މިއީ މަޖިލީހަށް ހޯދާފައިވާ ހަރުމުދާކަން އިނގެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. އަދި މިކަންކަން މިހެން ނުހިނގާނެހެން ދައުލަތުގެ މާލީ ގަވާއިދާއެއްގޮތަށް ޢަމަލުކުރުމަށް އޮޑިޓަރ ޖެނެރަލްވަނި ލަފާދެއްވާފައެވެ.