ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ގެ ބަހުގެ ޚިދުމަތްތަކަށް ވަކި ޚާއްސަ ކާޑެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް އެ ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށިތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ޚިދުމަތުން އަގު ނަގަން ފެށީ މި ހޯމަ ދުވަހުއެވެ. މިއާއެކުވެސް ގިނަ ބަޔަކަށް ހާސްކަން ގެނުވި އެއް ކަމަކީ ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމުގައި އިލެކްޓްރޯނިކް ވަޞީލަތްތައް ހުރުމާއި ބަހުގައި ފައިސާ މާރުކުރެވޭނެ ގޮތް ނެތުމުގެ ކަންބޮޑުވުމެވެ.
މިކަމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އާރްޓީއެލްއަށް ޚާއްސަ ޕްރިޕެއިޑް ކާޑެއް އިފްތިތާހުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި އަހަރު ނިމެންވާއިރަށް އެކަން ފެށޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިހާރު އޮންނަ ގޮތާ ޚިލާފަށް އެ ކާޑަކީ އޮންލައިންކޮށް ވެސް ރީޗާޖުކޮށްލެވޭނެ ކާޑެއް ކަމަށެވެ.
"އާރްޓީއެލްގެ ޚާއްސަ ބްރޭންޑެޑް ޕްރިޕެއިޑް ކާޑެއް އަޅުގަނޑުމެން ތައާރަފްކުރާނަން. އެ ކާޑު ބޭނުންވާ ބޭފުޅުންނަށް އެ ބައްލަވައިގަނެވޭނެ އިންތިޒާމު ހަމަޖެހޭނެ. އޭރުން ބެންކު އެކައުންޓެއް އިންނަ ބޭފުޅެއް ވިއްޔާ އަދި ނެތަސް އެ ކާޑަށް ރީލޯޑުކޮށްލެވޭނެ" އާޒިމް ވިދާޅުވިއެވެ.
މިހާރު ބަހުން ޚިދުމަތް ހޯދުމަށް އޮންލައިންކޮށް ޓިކެޓު ނެގޭނެ އިންތިޒާމު އާރްޓީއެލްގެ ވެބްސައިޓް އަދި އެޕްލިކޭޝަނުން ފަހިކޮށްދީފައިވާއިރު، ވިސާ ކާޑުތައް ބޭނުންކޮށްގެން ވެސް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އޮންލައިންކޮށް ޓިކެޓު ނެގުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ވަގުތުން ވަގުތަށް ޓިކެޓު ނެގުމަށް ދަތިވާ ބޭފުޅުންނަށް ދުރާލާ ޓިކެޓު ގަނެފައި ބެހެއްޓޭ ގޮތަށެވެ. މިގޮތުން ދުރާލާ 4 ބާވަތެއްގެ ޓިކެޓު ނަގާފައި ބެހެއްޓޭނެ އިންތިޒާމު އެމްޓީސީސީންވަނީ ހަމަޖައްސާފައެވެ. މީގެ އިތުރަށް ފައިސާ ދީގެން ވެސް ދަތުރުކުރެވޭ އިރު މިގޮތަށް ދަތުރުކުރެވޭނީ ސީދާ 7 ރުފިޔާ ދީގެންނެވެ. މާރު ކުރެވޭނެ އިންތިޒާމެއް ނޯންނާނެއެވެ.
ބަހުގެ ޚިދުމަތްދޭ ބަސް ސްޓޮޕްތަކާ ގުޅޭގޮތުން އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ފަށައިގެން ބަސް ސްޓޮޕްތައް ގާއިމްކޮށްފައިވާއިރު، ގިނަ ސަރަހައްދުތަކުގައި ބަސް ސްޓޮޕް ހުރީ ވަރަށް ތާށި ސަރަހައްދުތަކުގައި ކަމަށެވެ. މާލޭގެ މަގުތަކަކީ ތޮއްޖެހުން ބޮޑު ތާށި މަގުތަކެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އޭގެ ކޮންމެ ތަނެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ މޮޅު ބަސް ސްޓޮޕެއް ހެދުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެކަން ކުރަން އެކަށީގެންވާ ޖާގަ ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މިހާރު 41 ބަސް ސްޓޮޕް ހުރިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ކޮންމެ ބަސް ސްޓޮޕެއްގައި ވެސް އެތަނެއްގައި ޖާގަ އޮތް ވަރަކުން ހެދޭނެ ވަރުގެ ބަސް ސްޓޮޕެއް ހަދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަމާޒު ހިފާފައި މިހުރީ ހިޔަލެއް ހެދެން އޮތް ތަނެއް ވިއްޔާ ވީހާވެސް އަވަހަށް އެތަނެއްގައި ހިޔަލެއް ހަދަން. އޭގެ މާނަ އަކީ ވަރަށް ބޮޑަށް ހިޔާވާ ގޮތަށް ތަންތަން ހެދުން އެއީ މާލޭގެ މަގުތައް ހުރިގޮތުން ދަތިކަމަކަށް ޥާނެ. އެހެންނަމަވެސް އަޅުގަނޑުމެން ބަލާނަން މެކްސިމަމް ވާރޭ ވެހޭ ގަޑިއެއްގަ ނުވަތަ އަވި ދެ ގަޑިއެއްގަ ހިޔާވާނެ ގޮތެއް ހުރިހާ ތަނެއްގަ ހެދޭތޯ" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ފަށައިގެން މަހެއްހާ ދުވަސްވެފައި ވީ ނަމަވެސް އަދިވެސް އެމްޓީސީސީން މި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި، ޚިދުމަތުގެ ކަންކަން ގާތުން ބެލުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން ގޮސް އެ ޚިދުމަތް ދޭ ޑިޕާޓްމަންޓުގެ އެންމެ އިސްވެރިން ވެސް ބަހަށް އަރައި ބަހުގެ ޚިދުމަތް އޮބްޒާވްކުރަމުން އަންނަ ކަމަށެވެ.